އެގްރޯނެޓަށް 2.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބުނުއިރު ވެސް، ގެއްލުން 34.4 މިލިއަނުގައި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެގްރޯ ނެޓްގެ އޭރުގެ ވެރިންގެ އިތުރުން އޭރުގެ ބައެއް ވަޒީރުން-- ފޮޓޯ: އެގްރޯ ނެޓް

އެގްރޯނެޓަށް 2023 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.50 މިލިއަން ރުފިޔާ ލިބުނުއިރު ވެސް، ކުންފުންޏަށް 34.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެގްރޯނެޓްގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ، އެގްރޯނެޓްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު އެ ކުންފުންޏަށް ކަސްޓަމަރުންނާއެކު ހަދައިފައިވާ ކޮންޓްރެކްޓްތަކުން 5.59 މިލިއަން ރުފިޔާ ލިބުނުއިރު، 2023ގައި އެ އަދަދު ވަނީ 5.66 މިލިއަނަށް އިތުރުވެފައެވެ. އޭގެ ތެރެއިން، މުދާ ހޯދުމަށް ކުރި ޚަރަދުތައް ކެނޑުމުން 2023ގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.05 މިލިއަން ރުފިޔާއެވެ.

އެ މާލީ ހިސާބުތަކުގައިވާ ގޮތުން، އެގްރޯނެޓަށް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 2022އިން 2023އަށް އިތުރުވެފައެވެ. އެގޮތުން 2022ގައި ލިބުނީ 1.41 މިލިއަން ކަމަށްވާއިރު، 2023ގައި ވަނީ 2.50 މިލިއަން ލިބިފައެވެ.

އެ ކުންފުންޏަށް 2023ގައި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 151،598 ރުފިޔާއެވެ. ނަމަވެސް، އިދާރީ ޚަރަދުތަކަށް 35.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މުވައްޒަފުންނަށް ކުރި ޚަރަދު ކަމަށްވާއިރު، އެ އަދަދު 22.4 މިލިއަން ރުފިޔާއަށް އަރައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެއީ 2022އާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން 2022ގައި އިދާރީ ޚަރަދަށް ދިޔައީ 28.3 މިލިއަން ރުފިޔާ ކަމަށްވާއިރު، މުވައްޒަފުންނަށް ކުރި ޚަރަދު ހުރީ 18.1 މިލިއަން ރުފިޔާގައެވެ.

ދަނޑަކަށް މީހަކު ފެން ޖަހަނީ: އެގްރޯނެޓްއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި، މުދާ ގަތުމުގެ އެއްބަސްވުންތައް ދަނޑުވެރިންނާއެކު ހެދުން ހިމެނޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މުވައްޒަފުންނަށް ކުރި ޚަރަދުތަކުގެ ތެރެއިން، 2023ގައި މުސާރައަށް 9.89 ހޭދަކުރިއިރު، އެލަވަންސްތަކަށް ކުރި ޚަރަދު 10.4 މިލިއަނަށް އަރައެވެ. އެއާ އަޅައިބަލާއިރު، 2022ގައި މުސާރައިގެ ހޭދައަކީ 8.11 ކަމަށްވާއިރު، އެލަވަންސްތަކަށް ދިޔައީ 7.86 މިލިއަން ރުފިޔާއެވެ.

އެ ޚަރަދުތަކާއެކު، 2022އިން 2023އަށް އެގްރޯނެޓްގެ ހިންގުމުގެ ޚަރަދުން ލިބުނު ގެއްލުން ވަނީ 26.9 މިލިއަން ރުފިޔާއިން 31.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ދެ އަހަރު ތެރޭ، ޖުމްލަ ގެއްލުން ވަނީ 28.7 މިލިއަން ރުފިޔާއިން 34.5 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެގްރޯނެޓަކީ، ވަކި ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2020ގައި އުފެއްދި ކުންފުންޏެކެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީރުންގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން އުވާލަން ނިންމެވި ކުންފުނިތަކުގެ ތެރޭގައި އެގްރޯނެޓް ހިމެނުނެވެ.

އެހެންނަމަވެސް، އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން މިދިޔަ އަހަރުގެ މާޗު މަހު ކެބިނެޓުން ނިންމިއެވެ.

ރައީސް އޭރު އެންގެވީ އެ ކުންފުނީގެ މަސައްކަތްތައް، އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރުމަށެވެ.

comment ކޮމެންޓް