ބަހާއި، ފެރީއާއި، ކިއުގައި ނުވަތަ މަސައްކަތުގައި ގިނައިރު ކޮޅަށް ހުރުމުން ފައިތިލައިން ދިލަނެގުމާއި، ފައިގައި ރިހުން ފަދަ ކަންކަން ތަހައްމަލު ކުރުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މިފަދަ އުނދަގޫތަކުގެ ސަބަބުން، ފުރުސަތެއް ލިބުނުހާ އަވަހަކަށް އިށީނުމަށް ހިތް އެދެއެވެ.
މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވުނު ކަމުގައިވިޔަސް، ފައިތިލައިގެ ދަށުގައި ރިއްސުމަކީ ފައިތިލައިގެ އެތެރޭގައިވާ ޓިޝޫތަކަށް އާދަޔާ ހިލާފަށް ބާރުބޮޑުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް އީއެމްސީ ޕުލޯމަސް ހޮސްޕިޓަލްގެ ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ސްޓީސީ ބެނެޑިކްޓާ ވަނީ ވިދާޅުވެފައެވެ.
މިކަން މެދުނުކެނޑި ތަކުރާރުވާނަމަ، މިއީ ސިއްހީ ގޮތުން އިތުރު ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.
ފައިތިލައިގެ އޮނިގަނޑަކީ ނުހަނު ފުރިހަމަ އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔެކެވެ. ފައިތިލައިގައި 26 ކަށިގަނޑާއި، އެތައް ހުޅަކާއި، މަސްތަކާއި، ލިގަމެންޓްތަކާއި، ޓެންޑަންތަކުގެ އިތުރުން ކަނެކްޓިވް ޓިޝޫތައް ހިމެނެއެވެ. މި ހުރިހާ ބައެއް ގުޅިގެން ހަށިގަނޑުގެ ބަރުދަން ހިފަހައްޓައިދެއެވެ.

ފައިގެ ރިހުން ކުޑަކުރުމަށް ރިއްސާ ތަނުގައި 15-20 މިނެޓު ވަންދެން ގަނޑުފެން އެޅިދާނެ--ފޮޓޯ/އީއެމްސީ
ކޮޅަށް ހުންނަ ވަގުތު ހަށިގަނޑުގެ މުޅި ބަރުދަން ބެހިގެންދަނީ ފައިތިލައިގެ ދަށަށެވެ. ގިނައިރު ކޮޅަށް ހުންނަ ވަރަކަށް، މި ޓިޝޫތަކަށް އަރާމުލިބުމުގެ ބަދަލުގައި އެ ތަންތަނަށް ބާރުބޮޑުވެ، ޕްރެޝަރު އިތުރުވެއެވެ.
އާންމުކޮށް ކުރާ ދަތުރުފަތުރުތަކުގައި ކޮޅަށް ހުންނައިރު، އުޅަނދު ދުއްވާ ވަގުތާއި، ބްރޭކް ޖައްސާ ވަގުތާއި، އަދި އަނބުރާލާ ވަގުތުތަކުގައި ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށްޓަކައި ފައިގެ މަސްތަކަށް ކުރާ ބާރު ދެގުނަ އިތުރުވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ހަމަހަމަކަން ގެއްލުނަ ނުދިނުމަށްޓަކައި ފައިގެ މަސްތައް މެދުނުކެނޑި މަސައްކަތް ކުރަންޖެހެއެވެ.
ޑރ. ސްޓީސީ ބެނެޑިކްޓާ ފާހަގަކުރައްވާ ގޮތުގައި ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ފައިތިލައިގައި ރިހުން އުފެދޭ ބައެއް މައިގަނޑު ސަބަބުތަކުގެތެރޭ، މަސްތަކަށް ލޮޑުވުން، ޕްލާންޓާ ފެޝިއާއަށް ބާރުބޮޑުވުން، ލޭ ދައުރުވުމަށް ހުރަސްއެޅުން، އެކަށީގެންނުވާ ފައިވާނަށް އެރުން އަދި ހަށިގަނޑުގެ ބަރުދަނުގެ ސަބަބުން ފައިތިލައިގެ ބައްޓަމަށް ޕްރެޝަރު ބޮޑުވުން ހިމެނެއެވެ.

ފައިތިލައަށް ސަޕޯޓް ލިބޭނެ ކަހަލަ ފަސޭހަ މަޑު ފައިވާނެއް ބޭނުންކުރުމަކީ ވެސް ފައިތިލައަށް އަންނަ ރިހުން މަޑުކޮށްލަދޭނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ
އާންމުގޮތެއްގައި ގިނައިރު ކޮޅަށް ހުރުމުން އުފެދޭ ރިހުން އަރާމުކޮށްލުމުން ރަނގަޅުވެއެވެ. ނަމަވެސް ރިހުން ދެތިން ދުވަހަށްވުރެ ގިނަދުވަހަށް ދެމިގެންދިއުން، އަރާމުކުރުމުންވެސް ރިހުން އިތުރަށް ގޯސްވުން، ފައި ފާޅުކަން ބޮޑުކޮށް ފޮއްސިވުން، ހިނގާބިނގާވެ އުޅުމަށް ދަތިވުން، ފައި އައްސިވުން ނުވަތަ ކަށިޖަހާ ފަދަ އިހުސާސެއްވުން އަދި ރިހުމުގެ ސަބަބުން ދިރިއުޅުމުގެ އާންމު ކަންކަމަށް ބުރޫއެރުން ކަހަލަ ކަންކަން ތަޖުރިބާ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ފައިގެ ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ކޮޅަށް ހުންނަ ވަގުތު މަދު މިނެޓުކޮޅަކުން ކޮޅަށް ހުންނަ ގޮތަށް ބަދަލުކުރުން ނުވަތަ ކުޑަކޮށް ހިނގާލުން ކަހަލަ ކަމެއް ކުރެވިދާނެއެވެ.
މީގެއިތުރުން މަސައްކަތް ފެށުމުގެ ކުރިންނާއި ފަހުން ފައިގެ މަސްތަކަށް ކަސްރަތު ދިނުން، ފައިތިލައަށް ސަޕޯޓް ލިބޭ ފައިވާނެއް ބޭނުންކުރުން، ފުރުސަތު ލިބޭ ވަގުތުތަކުގައި އިށީނދެ އަރާމުކުރުން، ރިއްސާ ތަނުގައި ގަނޑުފެން އެޅުން އަދި ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ.
ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ފައިގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. މި ރިހުން ގޯސްވާނަމަ، އެއީ ކޮން ސަބަބަކާ ހުރެ ދިމާވާ ކަމެއްތޯ ބަލައި، އަވަހަށް ފަރުވާ ހޯދުމަށްޓަކައި ކަށީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.