ކެންދޫ ސުކޫލުގެ ސްކައުޓް ކޭމްޕަށް ގެންދިޔަ ބިސްކޯދު ކޭހެއް ހިމެނޭ ގޮތަށް، ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައިފި

ސްކައުޓް ކުދިންތަކެއް: ކެންދޫގައި ބާއްވަން ތައްޔާރުވަމުން ދިޔަ ސްކައުޓް ކޭމްޕުގެ ގިނަ އަދަދެއްގެ ތަކެތި ވަނީ ވަގަށް ނަގާފައި --- ފޮޓޯ/ ސްކައުޓް އެސޯސިއޭޝަން

ބ. ކެންދޫ ސުކޫލުން މި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ސްކައުޓް ކޭމްޕަށް ގެންދިޔަ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައިފިއެވެ.

މި ކަން ކުށްވެރިކޮށް، ކެންދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އެ ވައްކަމުގެ ސަބަބުން ކޭމްޕުގެ އިންތިޒާމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، ބިސްކޯދު ކޭހަކާއި ނޫޑުލީސް ކޭހަކާއި ނަރުފޮށިގަނޑާއި ސަތަރިއަކާއި ކަރަންޓު ބުރުމާއަކާއި ސާކިޓް ބޯޑަކާއި ސަތަރިއަކާއި ލީޑަކާއި ތިން ބެޓަރީ ބުރުމާއާއި ސާކިއާ ސޯއަކާއި ގްރޭންޑަރަކާއި ވަޅު ދިޔަ ހިއްކާ ޕަމްޕަކާއި ދެ މާކަރީއާއި ޗާޖު ކުރެވޭ ލައިޓެއް ހިމެނެއެވެ.

އެ ތަކެއްޗަކީ، ކޭމްޕުގެ އިންފްރާންސްޓަކްޗާ ބިނާކުރުމާއި ކުދިންގެ ސަލާމަތާއި ކާބޯތަކެތީ ބޭނުމަށް ގަނެފައިވާ ތަކެތިކަން ކައުންސިލު ބަޔާނުން އެނގެއެވެ.

މި ފަދަ އަމަލުތަކަކީ، އެ ރަށުގައި ބަލައިގަންނަ ކަމެއް ނޫން ކަމަށް ކެންދޫ ކައުންސިލުން ބުނެފައިވެއެވެ. އަދި، މި އަމަލު ކުރި މީހަކު ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރާކަން އެ ކައުންސިލުން ފާހަގަކުރިއެވެ.

މީގެއިތުރުން، އެ ވައްކަމާ ގުޅޭ މައުލޫމާތެއް ނުވަތަ ވަގަށް ނެގި އެއްޗެއް ވިއްކަން އުޅޭ ކަމުގެ ޝައްކެއް ވާނަމަަ، ފުލުހުން ނުވަތަ ކައުންސިލަށް ރިޕޯޓުކުރުމަށް އެދިފައިވެއެވެ.

ކައުންސިލުން ވަނީ، އެ ކޭމްޕު ކުރިއަށް ގެންދަން ގިނަ ބައެއްގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ.

ކެންދޫގައި ވައްކަމުގެ ހާދިސާއެއް ހިނގިއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 2,163 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

comment ކޮމެންޓް