ވެކްސިނާއި ބޭސް ގެނައުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ މަޝްވަރާކޮށްފި

ސްޓޭޓް ފާމާއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް ހޯދުމާ ގުޅޭ މަޝްވަރާކުރި -- ފޮޓޯ/ ސްޓޭޓް ފާމާ

ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އަސާސީ ބޭސްތައް ހޯދުމާ ގުޅޭ ގޮތުން ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާއިން، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ މިއަދު މަޝްވަރާކޮށްފިއެވެ.

‎ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުންޏެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ.ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ކުންފުންޏަކީ ވެސް އެއީއެވެ.

ސްޓޭޓް ފާމާއިން ބުނީ، ސީރަމް އިންސްޓިޓިއުޓާއެކު ބައްދަލުވުމެއް ބާއްވައިފައި ވަނީ އެ ކުންފުނީގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް، ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.

އެ ބައްދަލުވުމުގައި، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

ސްޓޭޓް ފާމާއިން ބުނީ އެ ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފާހަގަކޮށްލެވޭ ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަން ސްޓޭޓް ފާމާއިން ފާހަގަކުރިއެވެ.

ރާއްޖޭން އެކަށީގެންވާ ވަރަށް ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް އަބަދުވެސް އޮވެއެވެ. އެ މައްސަލައަށް ހައްލެއް ހޯދައި، ސިއްހީ ތަކެތި ގަނޑުކޮށް ގަނެ، އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރު ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ.

އެހެންނަމަވެސް ސްޓޭޓް ފާމާގެ މަސައްކަތްތައް ފެށި ފަހުން ވެސް، އަސާސީ ބޭސްތައް ވެސް ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

https://sun.mv/224130

ސްޓޭޓް ފާމާއިން ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން، ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައިވެއެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާއިން އިތުރު އެއްބާރުލުން ހޯދުމުގެ ގޮތުން އިންޑިއާ އެމްބަސީއާ ވެސް މިދިޔަ ހަފުތާގައި މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން، ވިލާތުގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާ އާ އެކު ވެސް ސްޓޭޓް ފާމާއިން މަސައްކަތް ކުރުމަށް މި މަހުގެ ފަސްވަނަ ދުވަހު މަޝްވަރާކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް