މޯލްޑިވްސް ހާފް މެރަތަން 2026ގެ އޮފިޝަލް މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.
"އައިރަނާސް" އާ ގުޅިގެން އިންތިޒާމުކުރި މޯލްޑިވްސް ހާފް މެރަތަން 2026 ބާއްވާފައިވަނީ އިއްޔެ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. އެ ހަރަކާތް ކުރިއަށްގެންދިޔައީ އިއްޔެ ފަތިހު 4:00 އިން ހެނދުނު 10:00 އަށެވެ.
އެ ދުވުމުގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރުގެ 'ފަން ރަން'، ކުޑަކުދިންނަށް ޚާއްޞަ 'ކިޑްސް މައިލް' އަދި ފަސް ކިލޯމީޓަރުގެ ވީލްޗެއާ ރޭސް ހިމެނެއެވެ.
އެއީ ދުޅަހެޔޮ ސިއްހަތަކާއި އެއްބައިވަންތަކަން ފާހަގަކުރުމަށްޓަކައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ގުޅުވައިދިން ފޯރިގަދަ ހަރަކާތެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އެ މެރަތަންއަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 11 ވަނަ ދުވަހު ބޭއްވި 'ރަނިން އެކްސްޕޯ' ގައި ވެސް ބައިވެރިވެފައެވެ. އެ އެކްސްޕޯގައި ދުވުމުގެ ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ހަދައިދިނުމުގެ އިތުރުން، ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ބަލައިދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން ދުވުމަށް ތައްޔާރުވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި، ރައްކާތެރިކަމާއެކު ދުވުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ވެސް ފޯރުކޮށްދީފައިވާ ކަމަަށް ވަނީ ބުނެފައެވެ.
މި ހަރަކާތުގެ އޮފިޝަލް މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން ދުވުން ކުރިއަށްދިޔަ ވަގުތު ތިން ސަރަޙައްދެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެޑިކަލް ޓީމުތަކުން ހަރަކާތްތެރިވެފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އެއީ ދުވުމުގެ ހުރިހާ ބައިވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން މޯލްޑިވްސް ހާފް މެރަތަން 2026 ގެ ހުރިހާ ދުވުންތެރިންނަށާއި ސަޕޯޓަރުންނަށް ވަނީ މަރުހަބާ ކިޔާފައެވެ. އަދި އެފަދަ ދުޅަހެޔޮ އަދި ހިތްވަރުގަދަ މުޖުތަމައެއް ބިނާކުރުމުގެ ހަރަކާތެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އެ ހޮސްޕަޓުލުން ފާހަގަކޮށްފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އާ ޚިދުމަތްތަކާއި ޒަމާނީ ވަސީލަތްތައް ތައާރަފުކުރަމުންދާ އެންމެ ފެންވަރުމަތީ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، އެކަމަށް ހިނގާ ޚަރަދުތައް ކުޑަކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ތަފާތު ސިއްހީ ޚިދުމަތްތަކަކީ ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޒަމާނީ ލެބޯޓްރީ ވަސީލަތްތަކާއެކު ދެވޭ އިތުބާރު ހުރި ޚިދުމަތްތަކެކެވެ.