މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، އޭގެ އަސްލަކީ ރައީސް މުއިއްޒު: ޔާމީން

ރައީސް ޔާމީނާއި ރައީސް މުއިއްޒު އެކުގައި: މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، އޭގެ އަސްލަކީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވި -- ސަން ފޮޓޯ/ މާހިލް އާތިފް

މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އެ ކަމުގެ އަސްލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އަމިއްލަ ގެކޮޅުގައި އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން މުއައްސަސާތަކުގެ ވާހަކަ ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ވާހަކައަކަށް އިޝާރަތްކުރައްވައިފައެވެ. މިނިސްޓަރު ވަނީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން އިސްކަންދޭ ސިޔާސަތެއް ކަމަށެވެ.

އެ ކަމާ ގުޅިގެން ޔާމީން ވަނީ، އޮގަސްޓު 14، 2024ގައި މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ވިފާގު އިބްރާހީމް އަދުނާންގެ މަރުގެ މައްސަލަ މިނިސްޓަރު އިހުސާނަށް ތަހުގީގު ކުރަން ކެރިވަޑައިގަތްތޯ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާގައި: މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، އޭގެ އަސްލަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިފާގު މަރުވީ އޭނާ ދިރިއުޅެމުން އައި މ. ހަސޯވާގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.

އޭނާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބުނެ، ޕީއެންއެފުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

https://sun.mv/197843

އެކަމަކު، ފުލުހުން ބުނީ، އެ މައްސަލައިގައި އާއިލާއަށް ތުހުމަތުކުރެވޭ އެއްވެސް ކަމެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ.

އެ މަރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ތަހުގީގަކާ ހަމައަށް ނުގޮސް، މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދެއްކުމުން ގަބޫލުކުރާނީ ކާކުތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އެ މަރުގެ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.

"ވިފާގުގެ މަރުގެ ކަންތަކުގައި ވެސް ދެ އަހަރު ވެގެން ދިޔައިއްޔޭ. އެއްވެސް މީހަކު ނެތޭ ޕޮލިހަށް ހާޒިރުކޮށްފައި ޖިނާއީ ތަހުގީގަށް ސުވާލެއް ވެސް އަހާލާފައި،" ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، އޭގެ އަސްލަކީ ރައީސް މުއިއްޒު ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެހެންވެ، ކިތަންމެ ވަރަކަށް މިނިސްޓަރު އިހުސާން ވާހަކަ ދެއްކެވިޔަސް، ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލިއްޖެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަ ދެއްކެވުމަށް ފަހު، ޔާމީން ކުރު ގޮތަކަށް އަލިއަޅުވާލެއްވީ ރާއްޖޭގެ މުއައްސަސާތަކަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލިއްޖެއެވެ. އެ ކަމުގެ އަސްލަކީ ވެސް ރައީސް މުއިއްޒު ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

"މުޅި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްގެ އިތުބާރު ހޯދަން ހަމަ ވަރުގަދަ މަސައްކަތްތަކެއް ކުރަން މި ޖެހެނީ. އެ މަސައްކަތްތަކެއް [ރައީސް] މުއިއްޒަކަށް ނުކުރެވޭނެ. އެއީ [ރައީސް] މުއިއްޒަކީ ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ނަގާލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އެ ފަދައިން ވާހަކަދެއްކިވިއިރު، ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއެވެ. އެގޮތުން، ފުލުހުން ހިންގާ ތަހުގީގުތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދާ ކަމުގެ ކަންބޮޑުވުންތަކުގެ އަޑުތައް ދޭތެރެއަކުން ގަދަވެއެވެ.

comment ކޮމެންޓް