މިދިޔަ ތިން މަސްތެރޭ ރަސްމީ ރިޒާވް ދަށަށް، ޖުލައި ނިމުނުއިރު ހުރީ 638 މިލިއަން ޑޮލަރު

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި އަހަރުގެ މާޗު މަހާ އަޅާބަލާއިރު ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް، ޖުލައި މަސް ނިމުނުއިރު ރިޒާވްގައި ހުރި އަދަދު 638.03 މިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗު މަހު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 1.3 ބިލިއަން (1,331.8 މިލިއަން) ޑޮލަރުގައެވެ.

ނަމަވެސް، އެއަށްފަހު ފާއިތުވި މަސްތަކުގައި ރިޒާވް ވަނީ މެދުކެނޑުމެއްނެތި ދަށަށް ގޮސްފައެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާގޮތުން ފާއިތުވި މަސްތަކުގައި ރިޒާވް ހުރި މިންވަރަކީ:

  • އޭޕްރީލް މަހު: 717.90 މިލިއަން ޑޮލަރު
  • މެއި މަހު: 704.77 މިލިއަން ޑޮލަރު
  • ޖޫން މަހު: 686.83 މިލިއަން ޑޮލަރު
  • ޖުލައި މަހު: 638.03 މިލިއަން ޑޮލަރު

މާޗު މަހަށްފަހު ރަސްމީ ރިޒާވް އެއްފަހަރާ މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ، އޭޕްރީލް މަހުގެ ތެރޭގައި ދައުލަތުން ބޮޑެތި ދަރަނިތަކެއް އަނބުރާ ދައްކައި ޚަލާސްކުރުމެވެ.

އެގޮތުން، ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރުގެ ސުކޫކު އޭޕްރީލް މަހު ވަނީ އެއްކޮށް ދައްކައި ނިންމާފައެވެ. މި ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރަސްމީ ރިޒާވް ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން، އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި ވަނީ އަނބުރާ ދައްކާފައެވެ.

މިފަދަ ބޮޑެތި ބޭރުގެ ދަރަނިތައް އެއްފަހަރާ އަދާކުރުމަކީ މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރަސްމީ ރިޒާވަށް ބޮޑު ބަދަލެއް އައިސް، ރިޒާވްގެ މިންވަރު ދަށްވި މައިގަނޑު އެއް ސަބަބެވެ.

ރިޒާވްގެ ފައިސާ މަދުވަމުން އަންނައިރު މި ދުވަސްވަރަކީ ރާއްޖެއަށް ޑޮލަރުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ދިމާވެފައި އޮތް ދުވަސްވަރެކެވެ. ބޭންކް ރޭޓުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ.

comment ކޮމެންޓް