އިންޑިއާގެ ކުރީގެ އެކްޓަރު ގޯވިންދާ ދާދިފަހުން ޒުވާން ބަތަލާއަކާ އެކު ބޭރުތެރެއިން ފެންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ގޯވިންދާއަށް އަންނަނީ ލިބެމުންނެވެ.
ކޯމަލް ރާނީ ނަމަކަށް ކިޔާ އާ ބަތަލާއާ އެކު ގޯވިންދާ ފެންނަ މި ވީޑިއޯތަކާ ގުޅިގެން ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ދާދިފަހުން ވަނީ މީޑީއާގައި އެކްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ސުނީތާގެ ވާހަކަތަކަށް ރައްދު ދެމުން ގޯވިންދާ ބުނެފައިވަނީ، ސުނީތާ ބޭނުންކުރާ ބަސްމަގާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ގޯވިންދާ ބުނެފައިވަނީ، ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކުމަށާއި، އާންމުންގެ ކުރިމަތީގައި ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ޒުވާނުންނަށް ނުބައި ނަމޫނާއެއް ފެނިގެންދާނެ ކަމަށެވެ.
އުމުރުގެ ތަފާތާ ގުޅޭގޮތުން ސުނީތާ ކުރި ސުވާލުތަކަށް ރައްދު ދެމުން ގޯވިންދާ ބުނީ، އޭނާގެ އަންހެން ދަރިފުޅު ޓީނާއާ އެއް އުމުރެއްގެ އަންހެން ކުއްޖަކާ އެކު ފެނުމަކީ މައްސަލައެއް ނޫން ކަމަށެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޮޑެތި ފަންނާނުންވެސް ޒުވާން އެކްޓްރެސްއިންނާއެކު މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

ކޯމަލް ރާނީ ސްވާންކަރު އަދި ގޯވިންދާ--ފޮޓޯ/އެންޑީޓީވީ
މީގެ އިތުރުން، އޭނާގެ ސިފައަށާއި އުމުރަށް ފާޑުކިޔުމަކީ އޭނާގެ އަބުރަށް ހުތުރުވާ ކަމެއް ކަމަށާއި، އޭނާ ހޯދާފައިވާ ކާމިޔާބީއާއި މުއްސަނދިކަމަކީ ލިބިފައިވާ ނިއުމަތްތަކެއް ކަމަށް ގޯވިންދާ ބުންޏެވެ. އަދި ސުނީތާއަށް ނަސޭހަތްތެރިވަމުން ގޯވިންދާ ބުނީ އަމިއްލަ މީހާއަށް ވަކި އިމެއް ކަނޑައެޅިފައިއޮތްއިރު އެ އިމުން ބޭރު ނުވުމަށެވެ.
ގޯވިންދާ އިތުރަށް ހާމަކުރި ގޮތުގައި، އޭނާ ވަނީ ފާއިތުވި ދުވަސްތަކުގައި ސުނީތާއަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައެވެ. އެގޮތުން ސުނީތާ ދާދިފަހުން ބައިވެރިވި 'ލޮކް އަޕް' އަދި 'މާ ހޭ ނާ' ފަދަ ޝޯތަކުގައި އޭނާ ބައިވެރިވީ ވެސް ސުނީތާއާއި އަންހެން ދަރިފުޅު އެދިގެން ކަމަށް ގޯވިންދާ ބުނެފައިވެއެވެ.
ގޯވިންދާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިދިޔަ ޖުލައި މަހު އިއުލާނުކުރި ފިލްމު "ރޫޕާ" ފިލްމުންނެވެ. މިއީ ހަތް އަހަރުގެ މެދު ކެނޑުމަކަށްފަހު ގޯވިންދާ އެނބުރި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ބަތަލާ އަކީ ގޯވިންދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ސުނީތާ ބުނަމުން އަންނަ ކޯމަލް ރާނީ ސްވާންކަރުއެވެ.
ގޯވިންދާ އާއި ސުނީތާގެ 39 އަހަރުވީ ކައިވެނީގައި މައްސަލަތައްޖެހި ދެމަފިރިން ވަކިން ދިރިއުޅެމުން އަންނަ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ. ގޯވިންދާ ކައިވެނިން ބޭރުން އެހެން އަންހެނަކާ ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ސުނީތާ ވަރަށް ފާޅުގައި ބުނަމުން އައި ނަމަވެސް އެކަމާ ގުޅޭގޮތުން މިހާތަނަށް ގޯވިންދާގެ ފަރާތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.