'ދަ ސަބަރުމަތީ ރިޕޯޓް' ރިލީޒްކުރުމާ އެކު ފުރައްސާރަތަކާއި ބިރުދެއްކުންތަކާ ކުރިމަތިލާންޖެހުނު: ވިކްރާންތު

އިންޑިއާގެ އެކްޓަރު ވިކްރާންތު މަސީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ޑައިރެކްޓަރު ދީރަޖް ސާރްނާގެ ފިލްމު "ދަ ސަބަރުމަތީ ރިޕޯޓް" ނެރުމާ އެކު އިންޓަނެޓް މެދުވެރިކޮށް ބިރުދެއްކުންތަކާއި ފުރައްސާރަތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެ ފިލްމުގެ ލީޑް އެކްޓަރު ވިކްރާންތު މަސީ ބުނެފިއެވެ.

ޝޭކަރް ސުމަންގެ ޔޫޓިއުބް ޝޯ 'ޝޭކަރް ޓުނައިޓް'ގައި ބައިވެރިވެ، ބޮލީވުޑްގެ އެކްޓަރު ވިކްރާންތު މަސީ ބުނީ އިންޓަނެޓް މެދުވެރިކޮށް އޭނާއަށް ދިން އިންޒާރުތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. އޭނާ ބުނި ގޮތުގައި، އަމިއްލަ ދިރިއުޅުމުގެ ނާޒުކު ދަނޑިވަޅެއްގައި ކުރިމަތިވި އެ ކަންތައްތަކުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް އޭރު އޭނާއަށް ކުރިއެވެ.

ގޯދުރާގައި ސަބަރުމަތީ އެކްސްޕްރެސް ރޭލުގައި ރޯކޮށްލި ހާދިސާގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމާ ގުޅިގެން އާންމުންގެ ފަރާތުން އައި ނުރުހުންތަކާ އެކު އޭނާގެ އަމިއްލަ މައުލޫމާތުތައް ވެސް ބައެއް މީހުން އާންމުކޮށްފައިވާ ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ.

"އަހަރެން ކުޅުނު 'ދަ ސަބަރުމަތީ ރިޕޯޓް'އާ މެދު ވަރަށް ފަޚުރުވެރިވަން. އެކަމަކު އެ ފިލްމު ނެރުމުން ބައެއް މީހުން އެއީ ވަކި މަގުސަދެއްގައި ހަދާފައިވާ 'ޕްރޮޕެގެންޑާ' ފިލްމެއްގެ ގޮތުގައި ސިފަކުރި. އަހަރެމެން މި ފިލްމު އުފެއްދީ ގޯދުރާ ރޭލު އެންދި ހާދިސާގެ މައްޗަށް. އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަހަންނާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކުރި. އަހަރެންގެ ވަޓްސްއަޕް ނަންބަރާއި ކާރުގެ ނަންބަރު ވެސް ލީކުކޮށްލި. މީހުން ދިޔައީ ފާޅުގައި އިންޒާރު ދެމުން،" މަސީ ކިޔައިދިނެވެ.

ފިލްމު 'ދަ ސަބަރުމަތީ ރިޕޯޓް'ގެ މަންޒަރެއްގައި ވިކްރާންތު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

"އެ ދުވަސްވަރަކީ އަހަރެންގެ ދަރިފުޅަށް ހަ މަސް ފުރުނު ދުވަސްވަރު. އެހެންކަމުން އެކަމުގެ އަސަރު އަހަންނަށް ވަރަށް ބޮޑަށް ކުރި. އަދި އެ ވާހަކަ އަހަރެން މީޑިއާގައި ވެސް ފާޅުގައި ބުނިން" އޭނާ ބުންޏެވެ.

ނަމަވެސް، ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް، އެފަދަ އިންޒާރުތަކަށްވުރެ އޭނާގެ އާއިލާއަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބޮޑުކަން ވިސްނުނު ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ.

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ވިކްރާންތުގެ ފިލްމު "12ތު ފެއިލް" އަދި "ސެކްޓަ 36"ގެ ކާމިޔާބީއަށްފަހު އާއިލާއާ ދުރުގައި ހުންނަން ބޭނުންނުވި ކަމަށާއި ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ.

ނެޝަނަލް އެވޯޑް ކާމިޔާބުކޮށްފައިވާ ކުޅަދާނަ އެކްޓަރު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ނެޓްފްލިކްސްއިން ދާދިފަހުން ޕްރީމިއާކުރި ވެބް ސީރީޒް "ދަ މުސާފިރު ކެފޭ"އިންނެވެ.

comment ކޮމެންޓް