މި މަހު އިންޑިއާގެ ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އަންހެން ކުދިން ސެޓެލައިޓް އުފެއްދުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ބައިނަލްއަގުވާމީ މިޝަން "މިޝަން ޝަކްތީސެޓް"ގެ ދެވަނަ ފިޔަވަހީގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އާމިނަތު ނޯޔާ ސަމީހު ހޯދައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ވިމެން އިން މެނޭޖްމަންޓް (ވިމް)އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އަންހެން ކުދިން ސެޓެލައިޓް އުފެއްދުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ މި ބައިނަލްއަގުވާމީ މިޝަންގައި ނޯޔާ ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
"މިޝަން ޝަކްތީސެޓް" އަކީ 'ސްޕޭސް ކިޑްޒް އިންޑިއާ' އިން އިސްނަގައިގެން ކުރިއަށްގެންދާ، އަންހެން ކުދީންނަށް ޚާއްސަ، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އުންމީދީ އެއް ޖައްވީ ހަރަކާތެވެ.
މިއީ ދުނިޔޭގެ 108 ގައުމަކުން 12،000 އަންހެން ކުދިން ބައިވެރިވާ، މުޅިން ވެސް އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ޖައްވީ މިޝަންއެވެ.
މި ޕްރޮގްރާމްގެ ދަށުން، ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ސެޓެލައިޓެއް ފަރުމާކޮށް، ބިނާކޮށް، އުދުއްސާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިން އަދި ހިސާބު ފަދަ ދާއިރާތަކުން ޒުވާން އަންހެން ކުދިން ކުރިއަށްދިއުމަށް ހިތްވަރުދިނުމެވެ.
ވިމްއިން ބުނި ގޮތުގައި ސައިންސާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ދާއިރާއަށް ނޯޔާގެ ހާއްސަ ޝައުގުވެރިކަމެއް ހުރެއެވެ. އޭނާގެ އުންމީދަކީ ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއިން ކުރިއަށް ގޮސް، އައު އީޖާދުތަކުގެ އެހީގައި މުޖުތަމައަށް ފައިދާހުރި ބަދަލުތަކެއް ގެނެސްދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މީގެ އިތުރުން ނޯޔާއަކީ ވާހަކަދެއްކުމުގެ ދާއިރާއަށް ވެސް ލޯބިކުރާ ކުއްޖެކެވެ. އެގޮތުން ސައިބާ ބުލީއިންނާއި ސައިބަާ ސޭފްޓީއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އޮންލައިން ކެމްޕޭންތަކާއި ތަގުރީރުތައް އޭނާ ވަނީ ދީފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ފުރުސަތާ ގުޅޭގޮތުން ނޯޔާ ބުނެފައިވަނީ، މިއީ އޭނާގެ ހުވަފެންތައް އިތުރަށް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޒުވާނުންނާ ބައްދަލުވެ، އައު ކަންތައްތަކެއް ދަސްކުރުމަށް ލިބުނު ރަން ފުރުސަތެއް ކަމަށެވެ.
އަދި މި ދަތުރުން އޭނާއަށް ދަސްވި އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އުންމީދުތައް އުސްކޮށް ބެހެއްޓުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
'ވިމެން އިން މެނޭޖްމަންޓް' އިން ބުނިގޮތުގައި، މި ފަދަ ބައިނަލްއަގުވާމީ މައިދާނެއްގައި ނޯޔާ ރާއްޖޭގެ ދިދަ އުފުލާތީ އެ ޖަމިއްޔާއިން އުފާކުރެއެވެ.
އަދި ނޯޔާގެ މި ކާމިޔާބީއަކީ ރާއްޖޭގެ އެހެން އަންހެން ކުދިންނަށް ވެސް އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެ ޖަމިއްޔާއިން އުންމީދުކުރެއެވެ.