އިންޑިއާއެކު ގިނަ ދާއިރާތަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކުރަމުން ދާނަން: ރައީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު:-- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުން ގެންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް މުޢިއްޒު ފޮނުއްވި ތަޙުނިޔާގެ ސިޓީފުޅުގައި ވަނީ އިންޑިޔާގެ ލީޑަރުންނާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް ވަނީ އިންޑިއާގެ ދިމިގްރާތީ ބަދަހިކަމާއި އިޖުތިމާޢީ އަދި އިގްތިޞާދީގޮތުން އެ ގައުމުން ހޯދާފައިވާ ކުރިއެރުންތަކަކީ މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ގާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސް ވަނީ އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން، ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މި ޝުއޫރުތައް ތަކުރާރު ކުރައްވަމުން، އިންޑިއާގެ މިނިވަންކަމުގެ ދިގު މާޒީ ރަމްޒުކޮށްދެނީ އެގައުމުގެ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި، ސާބިތުކަމާއި، ނުގުޑާފަދަ ޤައުމީ ރޫހުކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ އިންޑިއާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ސޯޝަލް މިޑީއާގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.

ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުން އަންނަ ދެ ގައުމު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، ކުރިއެރުމާއި، ބާއްޖަވެރިކަމަށް އެދޭކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަހަކީ 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް، އިންޑިއާއަށް މިނިވަންކަން ލިބުން ފާހަގަކުރާ ދުވަހެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން އޮތީ ކޮންމެވެސް ވަރަކަށް ގޯސްވެފައެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާއާ އެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި މި ބައްދަލުވުންތަކުގައި ދެ ގައުމަށް ފައިދާކުރަނިވި އެއްބަސްވުންތައްވެސް ވަނީ އެކުލަވާލާފައެވެ.

comment ކޮމެންޓް