ޓާސްކިން އެޕަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި

ޓާސްކިން އެޕަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި --- ފޮޓޯ: އުރީދޫ

އުރީދޫ ފިންޓެކްގެ 'އެމް ފައިސާ' މެދުވެރިކޮށް 'ޓާސްކިން' އެޕްގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

އުރީދޫއިން ބުނީ ޓާސްކިންއަކީ އެކި ކަހަލަ މަސައްކަތްތައް ކުރުވަން ބޭނުންވާ ފަރާތްތަކާއި އެފަދަ މަސައްކަތްތަކުގެ ހުނަރާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލަދޭ ޑިޖިޓަލް މައިޒާނެއް ކަމަށެވެ. ގޭތެރޭގެ އާދައިގެ މަސައްކަތްތަކުން ފެށިގެން ޑިޖިޓަލް ރިމޯޓް މަސައްކަތްތަކަށް ދަންދެން، ކަސްޓަމަރުން ބޭނުންވާ ގިނަ ދާއިރާތަކުން ފަންނީ މީހުން ހޯދައި މަސައްކަތް ދިނުމުގެ ފުރުސަތު އެ އެޕުން ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އަމިއްލަ ހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް 'ޓާސްކަރުން'ގެ ގޮތުގައި މި ޕްލެޓްފޯމުގައި ރަޖިސްޓްރީވެވޭނެ ކަމަށާއި ހުރި ފުރުސަތުތައް ބަލައި، އެ މީހުން ކުރަން ބޭނުންވާ މަސައްކަތްތަކަށް އެހެން ޚިދުމަތްތެރިންނާއެކު ބިޑުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެއީ ޚިދުމަތް ހޯދާ ފަރާތްތަކާއި ހުނަރުވެރިން ގުޅުވައިދީ، ފްރީލާންސަރުންނާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވާލަދޭ ފަސޭހަ ޑިޖިޓަލް ބާޒާރެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެމް ފައިސާގެ ޚިދުމަތް ގުޅާލުމާއެކު އެޕް ބޭނުންކުރާ ފަރާތްތަކަށް ޓާސްކިން މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމް ފައިސާ ވޮލެޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ޓާސްކިން ފަދަ ޕްލެޓްފޯމްތަކުގައި ޑިޖިޓަލް މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގުފަހިކޮށްދިނުމުން ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސޯދުގައި އަމިއްލަ ފަރުދުންނާއި ފްރީލާންސަރުންގެ އިތުރުން ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެމް ފައިސާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންނަށް ޓާސްކިން އެޕް ޑައުންލޯޑްކޮށް، ބޭނުންވާ ޚިދުމަތެއް އިޚްތިޔާރުކޮށް، 'ޓާސްކަރެއް' ހަމަޖެއްސުމަށްފަހު އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އަމިއްލަ ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް ޓާސްކަރެއްގެ ގޮތުގައި ބައިވެރިވެ، ހުރި މަސައްކަތްތަކަށް ބިޑުކުރަން ފެށޭނެ ކަަމަށް އެ ކުންފުނިން ބުނެެވެ.

ރާއްޖޭގެ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ބާއްވާ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށާއި، އާންމު ދިރިއުޅުން ފަސޭހަކޮށްދޭ އީޖާދީ ހައްލުތައް ހޯދައިދިނުމަށް އުރީދޫ ފިންޓެކުން ދަނީ ސާބިތުކަމާއެކު މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް