ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކެއްކަމަށް ހެދުމުގެ ގަރާރެއް ޓްރަމްޕް ނެރުއްވަނީ

ވޮޝިންޓަން (14 އޮގަސްޓް 2026): ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ތަނަކަށް ހެދުމުގެ ގަރާރެއް ވަރަށް އަވަހަށް ނެރުއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި އީރާނުގެ ކިބައިން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ އެ ސަރަހައްދަކީ އެމެރިކާގެ މިލްކެއްކަމުގައި ހެދުން ކަމަށެވެ. މިކަމާބެހޭ ގަރާރެއް ވަރަށް އަވަހަށް ނެރުއްވާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހުރުމުޒު ކަނޑުއޮޅީގެ އެއްބައި އޮންނަނީ އީރާނުގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައެވެ. އަނެއްބައި އޮންނަނީ އޮމާންގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައެވެ. އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ހަމަލާދީ އީރާން އާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ފެށުމާ ގުޅިގެން އެމެރިކާއާ ކުރިމަތިލުމަށްޓަކައި އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށް އީރާނުން ބުނެފައިވެއެވެ.

އެމެރިކާއާއި އިސްރާއީލުން އެއްވެސް ހައްގަކާނުލައި އީރާނަށް އިސްވެ ހަމަލާދީ ފެށި ހަނގުރާމައިގައި ފުރަތަމަ ޝަހީދުކޮށްލީ އީރާނުގެ އެންމެ އިސްވެރިޔާ އަދި ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި އާއި އޭނާގެ އާއިލާގެ ގިނަ ބަޔަކާ އަދި އީރާނުގެ އަސްކަރީ ގިނަ އަދަދެއްގެ ކޮމާންޑަރުންނެވެ.

އެއަށްފަހު ދިން ހަމަލާތަކުގައި އީރާނުގެ އެނޫން އިސް ބައެއް ބޭފުޅުން ޝަހީދުކޮށްލުމުގެ އިތުރުން އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ 178 އަށްވުރެ ގިނަ ތުއްތު އަންހެން ކުދިންނާއި ބައެއް ޓީޗަރުންވެސްވަނީ ޝަހީދުކޮށްލާފައެވެ.

އެމެރިކާ ޝަހީދުކޮށްލި އީރާނުގެ އިސް ވެރިންގެ ތެރޭގައި އީރާނުގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ އަލީ ލާރިޖާނީ އާއި ސިފައިންގެ ޗީފް އޮފް ސްޓާފް އާއި އިތުރު އިސް ހަތަރު ކޮމާންޑަރުންވެސް ހިމެނެއެވެ. މީގެއިތުރުން އެމެރިކާވަނީ އީރާނުގެ ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކާއި ތެލުގެ މަރުކަޒުތަކާއި ބްރިޖްތައް ފަދަ މަދަނީ އެތަށް ތަނަކަށް ހަމަލާދީ އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ އިތުރުން ގަލްފުގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ތަކުރާރުކޮށް އެތަށް ފަހަރަކު ހަމަލާދީ އެތަންތަން އެއްކޮށް ކަހަލަ ގޮތަކަށް ފުނޑާލާފައެވެ.

އީރާނުގެ ރައްދު ހަމަލާތައް އިސްރާއީލަށްވެސް އަމާޒުކޮށް އިސްރާއީލުގެ އެތައް ތަނެއްވެސް އީރާނުންވަނީ ހަލާކުކޮށްލާފައެވެ.

ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެމެރިކާއަށް ވޭންލިބުނީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް އީރާނުގެ ހުއްދައަކާ ނުލައި އެތަނުން ހުރަސްކުރާ ބޯޓުތަކަށް އީރާނުން ހަމަލާދޭން ފެށުމުންނެވެ. އެއީ ތެލުގެ އަގުބޮޑުވުމާއެކު އެމެރިކާގެ އިގްތިސާދަށް ލޮޅުން އަރަން ފެށުމެވެ. ގަލްފުގެ ވިޔަފާރިއާ ގުޅިފައިވާ އެމެރިކާގެ ކުންފުނިތައް ބަނގުރޫޓްވާން ފެށުމުންނެވެ.

މިއާއެކު ހުރުމުޒު ކަނޑުއޮޅި ގަދަބާރުން ހުޅުވުމުގެ އަސްކަރީ ޚާއްސަ އޮޕަރޭޝަނެއް އެމެރިކާ ފެށިއެވެ. ނަމަވެސް މި އޮޕަރޭޝަންވަނީ ނާކާމިޔާބުވެ ހުއްޓާލާފައެވެ.

ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ތަނެއް ކަމަށް ހެދުމުގެ ގަރާރެއް ވަރަށް އަވަހަށް ނެރުއްވާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ކާޒިމް ޣަރީބު އާބާދީ ވިދާޅުވީ އެމެރިކާގެ ރައީސް ނެރުއްވާނެ ގަރާރެއް އެނގޭނީ އޭނާއަށް ކަމަށާ ކިތަންމެ ގަރާރެއް ނެރުނަސް ހުރުމުޒު ކަނޑުއޮޅި އޮންނާނީ އީރާނުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައި ކަމުގައެވެ.

ހުރުމުޒަކީ އެމެރިކާގެ ތަނެއްކަމަށް ނިންމުމަށްފަހުވެސް އެތަން އޮންނާނީ އީރާންގެ އަތްދަށުގައި ކަމަށާ މިހާލަތުގައި އިތުރަށް ލަދުގަންނާންޖެހޭނީ އެމެރިކާ ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އީރާނުގެ މި ރައްދަށް ފަހު ވައިޓް ހައުސް އިން ބުނެފައިވަނީ ގަލްފުގެ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ތަނެއްކަމަށް ހެދުމުގެ ވާހަކަ ޓްރަމްޕް ދެއްކެވީ ސަމާސާ އެއްގެ ގޮތުގައި ކަމަށްބުނެ މިފަދަ ގަރާރެއް ނުނެރޭނެ ކަމުގެ އިޝާރާތެއް ދީފައެވެ.

ޓްރަމްޕް އަކީ އޭނާ ދައްކަވާ ވާހަކަތަކާއި ނިންމަވާ ނިންމެވުންތައް ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކޮޅަށް ޖެހުމުގައި މުޅި ދުނިޔެއަށް ނަންމަޝްހޫރު ބޭފުޅެކެވެ.

އީރާންވަނީ އެ ގައުމުގެ ހުއްދަނެތި ހުރުމުޒު ހުރަސްކުރަން އުޅުނު ޔޫއޭއީ ގެ ދެ ޓޭންކަރަކަށް އިއްޔެ ވެސް ހަމަލާދީ އެ ދެ ޓޭންކަރުގެ ދަތުރުތައް ހުއްޓުވާފައެވެ. ނަމަވެސް އީރާންގެ ހުއްދަ ހޯދާ އުޅަނދުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު