ތައުލީމީ ކަންކަމުގައި އޮންލައިންކޮށް ފައިސާ ނުދެއްކޭނަމަ ބީއެމްއެލްއަށް އެންގުމަށް އެދިއްޖެ

މީހަކު އޮންލައިންކޮށް ފައިސާގެ މުއާމަލާތެއް ކުރަނީ -- ފޮޓޯ/ ބީއެމްއެލް

އިމްތިޙާން ފީ ދެއްކުމާއި ތައުލީމީ ޚިދުމަތްތަކަށް އޮންލަައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާނަމަ ކަންތައް ކުރެވިދާނެ ގޮތުގެ ލަފައެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދީފިއެވެ.

ބީއެމްއެލްއިން ބުނީ، އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ބީއެމްއެލްއިން ވަނީ ދުވާލަކަށް ކަސްޓަމަރުންނަށް ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް ކަނޑައަޅާފައި ކަމަށެވެ. ނަމަވެސް ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އެ ބެންކުން ބުންޏެވެ.

ގައުމީ ބޭންކުން ބުނީ، ތަޢުލީމާ ގުޅުންހުރި ބައެއް އިމްތިޙާން ފީތައް، މިސާލަކަށް އައިއީއެލްޓީއެސް ފަދަ ފީތައް ދައްކާއިރު، ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް މާޗަންޓް ކެޓަގަރީ ކޯޑު ބޭންކަށް ލިބޭއިރު، އެ މުޢާމަލާތްތައް ހިނގަނީ "ތަޢުލީމީ" ދާއިރާގެ ކޯޑުގެ ދަށުން ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުންކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެ މުޢާމަލާތްތައް ފުރިހަމަނުވެ، ޑިކްލައިންވާ ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ.

"މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފުސީލާއެކު ބޭންކަށް ހުށަހެޅެމުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެފަދަ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް، އެ ސައިޓެެއް ކަނޑައަޅައި، އެކަން ހައްލުކޮށްދޭނެ." ބެންކުން ބުންޏެވެ.

ބީއެމްއެލްއިން ވަނީ، ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ އެ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ބުނެފައެވެ.

އެފަދަ މުޢާމަލާތްތަކަށް ފުރިހަމަ އެހީތެރިކަން ދީ، ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ބެންކުން ވަނީ ދީފައެވެ.

ބެންކަށް ޑޮލަރު ލިބޭ މިންވަރަށް ވުރެ އިތުރަށް މިހާރު ޑޮލަރު ވިއްކަން ޖެހޭކަން މީގެ ކުރިން ވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް