ރައީސް މުއިއްޒު ޚިޔާރުކުރައްވާނަމޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން؛ ޕީއެންސީގައި ގިނަވާނީ އަޅުގަނޑުގެ ސަޕޯޓަރުން: ޔާމީން

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައީސް ޔާމީން އަބްދުލްގައްޔޫމް: ޔާމީން ވިދާޅުވީ، ޕީއެންސީގައި އަދިވެސް ގިނަވާނީ އެ މަނިކުފާނުގެ ސަޕޯޓަރުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީގެ މައްޗަށް ޚިޔާރުކުރައްވާނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ދެންނެވީ، އެ ރައީސްގެ މަސައްކަތްޕުޅުތަކަށް ސަނާ ކިޔުއްވާކަށް ނޫން ކަމަށާއި ޕީއެންސީގައި އަދިވެސް ގިނަވާނީ، އެ މަނިކުފާނުގެ ސަޕޯޓަރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ މަނިކުފާނު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިޚުތިޔާރުކުރައްވާނީ މިހާރުގެ ރައީސް މުޢިއްޒު ކަމަށެވެ.

އެ ކަމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވަނީ، 2028 ވަނަ އަހަރު ޔާމީނު ހުންނަވާނީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮއްވަވަން ފޫގަޅާލައިގެން ކަމާމެދު ޝައްކެއް ނެތް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/225867

އެ ވާހަކައަށް އިޝާރާތްކުރައްވައި، އަމިއްލަ ގެކޮޅުގައި އެ މަނިކުފާނުގެ ޕާޓީ (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ވާހަކަދައްކަވަފާއެވެ.

މިގޮތުން، އެމްޑީޕީގެ މައްޗަށް މުއިއްޒު ޚިޔާރުކުރައްވާނަމޭ ދެންނެވީ، ރައީސް ކުރައްވާ މަސައްކަތް މޮޅުވެގެން އެ މަނިކުފާނަށް ސަނާ ކިޔުއްވުމަކަށް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

"އަޅުގަނޑު ދެއްކި ވާހަކައަކީ، އަހަރުގެ ކޮންމެ ވަގުތެއްގައި ވިޔަސް އެމްޑީޕީ ވެރިކަމަށް އައުމަށް ވުރެ އަޅުގަނޑު އިސްކަންދޭނަމޭ މުއިއްޒު ވެރިކަމަށް އަންނަން ވެސް" ޔާމީން ވިދާޅުވިއެވެ.

އެ ފަދައިން ވިދާޅުވުމުގައި މާނައަކީ، ރައީސް މުއިއްޒަށް 'ބެރުޖަހައިދީ' އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަ އިތުރަށް ތަފުސީލުކޮށްދެއްވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ދެ ވެރިކަމުގައި ރާއްޖެ 'ހަލާކުކޮށްލި'ވަރު ބޮޑުކަމުން އެ މީހުންނަށް ޒިންމާދާރު ކަމާއެކީ ގައުމު ހިންގައިދެވިދާނެ ގަބޫލުނުކުރައްވާ ކަމަށެވެ.

މުއިއްޒު، މުއިއްޒުގެ ހުރި ނުކުޅެދުންތެރިކަމާ އެކީ، ކައިރީގައި ބޮޑެތި ވަގުންތަކާ އެންމެން ގޮވައިގެން އުޅުނަސް، އަޅުގަނޑު މި ބުނަނީ، އެމްޑީޕީއަކަށް ތާއިދެއް ނުކުރަމޭ. އެ މާނައިގައި އަޅުގަނޑު ދެއްކެވި ވާހަކައެއް އެއީ. އެއީ މުއިއްޒަށް ނޮބެލް ޕްރައިޒޭން ދެއްކި ވާހަކައެއް ނޫން. އެހެންވީމަ ފަލާހު ވެސް ޝުޖާއު ވެސް އަޅުގަނޑު ދައްކާ ވާހަކަ އޮޅުވާނުލެއްވިއްޔާ ރަނގަޅު ވާނެކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެ ފަދަ ކުޑަ ވާހަކައެއް ވިދާޅުވި ނަމަވެސް، ޕީއެންސީ މެންބަރުން 'ތެޅިފޮޅި ގަންނަނީ' ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެއިތުރުން، ޕީއެންސީގައި އަދިވެސް ގިނަވާނީ ރައީސް މުއިއްޒަށް ތާއިދުކުރާ ބޭފުޅުންނަށް ވުރެ، އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން އެ މަނިކުފާނުގެ ތާއިދާއެކުގައެވެ. ނަމަވެސް ވެރިކަން ފެށުނުތާ ހަފުތާއެއް ވެސް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓިއަށް އުފެއްދެވީއެވެ. އޭގެ ފަހުން ޔާމީން ގެންދަވަނީ ރައީސާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އޭގެއިތުރަށް، ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޔާމީން ވަނީ އިޢުލާނުކުރައްވައިފައެވެ. އަދި، އެ މަނިކުފާނު ގެންދަވަނީ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެ ސިޔާސީ މަސައްކަތްތައް ވެސް ކުރައްވަމުންނެވެ.

comment ކޮމެންޓް