ޤައުމަށް ޚިޔާނާތްތެރިވުމުގެ ހިތި ތަޖުރިބާ ތަކުރާރު ނުކުރުމަށް ރައީސް ގޮވާލައްވައިފި

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، ކޮންމެ ދަރިއެއްގެ ހިތުގައި ވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ.

"ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް," ރައީސް ވިދާޅުވިއެވެ.

ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ގަދައަޅަައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް" މަނިކުފާނު ވިދާޅުވިއެވެ.

"މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟."

ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، ޤައުމިއްޔަތުގެ ވިންދު ހިފެހެއްޓުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މި މެސެޖު އާންމުކުރައްވާފައިވާއިރު، މިއަދު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް