ފުރޮޅުލީ ގޮނޑީގައި މިސްކިތަށް ނުވެއްދިކަމުގެ ޝަކުވާ ވީޑިއޯއާ ވެސް އެކީ ރައީސާ ހަމައަށް

ފާއިޒު ރައީސާ ކަންބޮޑުވުންތައް ހިއްސާކުރަނީ: ރައީސް ވިދާޅުވީ ހައްލުކޮށްދެއްވާނެ ކަމަށް --- ސްކްރީންޝޮޓް

ބަލި ހާލަތު ހުރި ގޮތުން ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މީހަކު މާލޭ ސަރަހައްދުގެ ދެ މިސްކިތަކަށް ނުވެއްދި ކަމުގެ ކަންބޮޑުވުން ހިއްސާކުރުމުން އެކަން ހައްލުކޮށްދެއްވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވަކިވަކި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެށްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ފާއިޒް ނަމަކަށް ކިޔާ މީހަކު ބުނީ، ފުރޮޅުލީ ގޮނޑި ހުރީ ހަޑިކޮށް ކަމާއި މިސްކިތްތަކުގެ ތަޅުންގަނޑު ހަޑިވާނެ ކަމަށް ބުނެ، ފުރޮޅުލީ ގޮނޑީގައި ބައެއް މިސްކިތްތަކަށް ޖަމާއަތަށް ނުވައްދާ ކަމަށެވެ.

"މިސްކިތަށް ވަންނަން ދިޔަ ތަނާ ދޮރު ލައްޕައި އެ ތަނަށް ނުވަދެވޭނެޔޭ ކިޔައިފައި ބަންދުކޮށްލަނީ، ދެން އަޅުގަނޑު ބުނިން ދޮރު ކައިރީ އަރިމަތީގައި ވެސް ބެއިންދޭނެ ނޫންތޯއޭ ހަމަ ތި ބޭފުޅުންނަށް ފަހުން ވެސް ސާފުކޮށްލެވޭނެ ނޫންހޭ، ބުނީމަ ވެސް ނުވެއްދޭނެޔޭ [ބުނީ]،"

އޭނާ އާ ދޭތެރޭ އެގޮތަށް އަމަލުކުރީ މާލޭގައި ހުންނަ ޞަލާޙުއްދީން މިސްކިތުންނާއި ހުޅުމާލޭގައި ހުންނަ މަސްޖިދުއްރަޝީދުން ކަމަށް، ފާއިޒު ރައީސަށް ކިޔައިދިނެވެ.

އެހެންކަމުން މިހާރު އޭނާ މުޅިން ނަމާދުކުރަނީ ގޭގައި ކަމަށް ފާއިޒު ބުންޏެވެ.

އެއާއެކު ފާއިޒު އެދުނީ ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް ކޮންމެވެސް އެއް ސްލޮޓެއް ހަމަޖައްސައިދިނުމަށެވެ.

ހަމަ އެ މައްސަލައިގައި ފާއިޒު ވަނީ، ޞަލާހުއްދީން މިސްކިތާއި މަސްޖިދުއްރަޝީދުން އޭނާއާ މެދު އަމަލުކުރިގޮތުގެ ވީޑިއޯއެއް ރައީސާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، މާލޭ ސަރަހައްދުގައި ޚިދުމަތްދޭ އެމްޓީސީސީގެ ބަސްތަކަށް އެރުމުގައި ދިމާވާ ދަތިކަން ވެސް ފާއިޒު ފާހަގަކުރިއެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ގެނެސްދޭ ގޮނޑިތަކުގެ ފެންވަރު ދަށް ކަން ވެސް ފާހަގަކުރިއެވެ.

އެ ކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"ރަނގަޅު ހައްލުތަކެއް ގެންނަށް އަޅުގަނޑު ވެސް ބޭނުންވާ ކަމެއް، އިރާދަކުރެއްވިއްޔާ މިސްކިތްތަކަށް ވެސް އަދި ބަސްތަކާއި ދެން ޕަބްލިކް ހުރިހާ ޚިދުމަތަށް އެކްސެސް ވާން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް