"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވުމަށް އަށް ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

މާފަންނު ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރުމަށް އާންމު ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް، އަށް ދާއިރާއެއްގެ ރައްޔިތުންނަށް ރައީސް އޮފީހުން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުންތަކަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށްޓަކައި ފަށާފައިވާ ސިލްސިލާއެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މީހުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރުމަށް ވަނީ އަންގާފައެވެ.

ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް