ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އަބަދުވެސް ސިޔާސީ މައިދާނުގައި ނުސީދާ ބަސްމަގުންނާއި، އެކި އިޝާރާތްތަކުން ފުން މާނަތައް އެކުލެވޭ ރައްދުތައް ދެއްވުމުގައި އަރައިހުންނެވި ބޭފުޅެކެވެ.
މިއަދު އެމަނިކުފާނުގެ އެކްސް އެކައުންޓުން ފެނިގެންދިޔަ "ނަނާ ހުވަފެން ދުށީމޭ" މި ޅެމުގެ ބައިތުތަކަކީ ވެސް މިފަދަ ބޮޑު ސުވާލު މާކެއް އުފެއްދި ކަމެކެވެ. އެއްވެސް އިތުރު ތަފްސީލެއް ނެތި، މި ދަނޑިވަޅުގައި މުޅި ޅެން އެކީ ހިއްސާކުރެއްވުމުން އެތައް ސުވާލެއް ވަނީ އުފެދިފައެވެ.
މި ޕޯސްޓު ކުއްލިއަކަށް ފެނިގެން މިދިޔައީ، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އިއުލާނުކުރެއްވި ޚަބަރު ބައެއް މީޑިއާތަކުގެ ފަލަސުރުޚީގައި ވަނިކޮށެވެ.
މިއަދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދު މި ޅެން ހިއްސާކުރެއްވީ ކާކަށް އަމާޒުކޮށްގެން ކަމެއް ސާފެއް ނޫނެވެ.
"ނަނާ ހުވަފެން ދުށީމޭ" މި ޅެމަކީ އާންމުގޮތެއްގައި ކަމެއް ހާސިލުވާނެ ކަމަށް އުންމީދުކޮށްގެން ތިއްބާ، އެކަން ނުވެ ދިއުމުން ނުވަތަ ފެނުނު ހުވަފެނަކީ ހަގީގަތެއް ނޫންކަން އެނގުމުން ބުނެއުޅޭ ބަހެކެވެ.
ސިޔާސީ މައިދާނުގެ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ނަޝީދުގެ ތާއީދާއެކު މިވަގުތު ޕްރައިމަރީއަށް ނުކުމެވަޑައިގެން ހުންނެވި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ދެއްވި އިންޒާރަކަށް ވެސް ވެދާނެއެވެ. ނޫންނަމަ، ފަހު ވަގުތު ފައްޔާޒުގެ ބަދަލުގައި އަމިއްލަފުޅަށް ނަޝީދު ކުރިމަތިލައްވައިފާނެ ކަމުގެ ސިގްނަލެއް ކަމަށް ވެސް ބައެއް މީހުން ދެކެއެވެ.
ސިޔާސީ ލީޑަރުންގެ މެދުގައި ޅެންބަހުން ރައްދު ދިނުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ.
ނަމަވެސް "ނަނާ ހުވަފެން" ދުށީ ކާކުކަމާއި، އެ ހުވަފެނުން ހޭލަންޖެހެނީ ކާކުކަން އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެ އެތެރޭގެ ސިޔާސީ އޮއިވަރު ހުންނަ ގޮތަކުންނެވެ.
ކޮންމެއަކަސް، މީގެ ކުރިން ކެމްޕޭނެއްގައި ވެސް ނަޝީދު ބޭނުންކުރެއްވި މި ލަވައާއި މި "ޅެންވެރި" ރައްދުން އިދިކޮޅު އެމްޑީޕީ ތެރޭ ދެން ކަން ހިނގައިފާނެ ގޮތާމެދު އިތުރު ސުވާލުތަކެއް މިވަނީ އުފެދިފައެވެ.