ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާހުކޮށްފި

ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާހުކުރުމުގެ ތެރެއިން... ފޮޓޯ/ ސިއްޙަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ

އަންހެނުންގެ ޚިޔާލާއި މަޝްވަރާ ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބައިވެރިކޮށްގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި 'އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ' ތަޢާރަފުކޮށްފައިވެއެވެ.

އަދި އަތޮޅު އަދި ސިޓީ މަންސަތަކުގެ ބައިވެރިންނަށް މިންތީގެ މަފްހޫމްތަކާއި، ގާނޫނުތަކާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހާލަތާ ގުޅުންހުރި ބައެއް ކަންކަމަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިއީ އިޖްތިމާޢީ އަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނައި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގެގޮތުގައި ގައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ނިޒާމެކެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި، ގައުމީ މަންސައިގެ މައިގަނޑު ބޭނުމަކީ އަތޮޅު އަދި ސިޓީ ފެންވަރުގައި ފާހަގަކުރާ ކަންކަން "އަހަރީ އަންހެނުންގެ ސިޔާސަތުގެ އެޖެންޑާ" އަކަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން އަންހެނުން ފާހަގަކުރާ ކަންކަމަށް ބޭނުންވާ ޙައްލުތައް ޤައުމީ ސިޔާސަތުތަކާއި، ތަރައްގީގެ ޕްލޭންތަކުން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމެވެ.

ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާހުކުރުމުގެ ތެރެއިން... ފޮޓޯ/ ސިއްޙަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ

އަދި މި މަންސައިގެ މައިގަނޑު މަގުސަދަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑު، އަތޮޅު، ސަރަހައްދީ އަދި ގައުމީ ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކާ ގުޅުވައިދޭ، ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ސިއްޙަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ ބޭނުމަކީ ރާއްޖޭގައި ނިންމާ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ހެދުމެވެ.

ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ މަންސަ މެދުވެރިކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭ ނިޒާމެއްގެ ގޮތުގައި "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ" ތައް ގާއިމުކުރެވިގެންދާނެކަމަށް ސިއްޙަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، އަތޮޅު ފެންވަރުގެ މަންދޫބުން ހިމެނޭހެން، ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއެކު "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ޤައުމީ މަންސަ" އެއްވެސް އެކުލަވާލެވިގެންދާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް