ހަތިޔާރު ބޭނުންކޮށް، މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީ ޒުވާނަކު ހައްޔަރުކޮށްފި

މީހަކު ހައްޔަރުކުރުން: ހަތިޔާރު ބޭނުންކޮށް، މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީ ޒުވާނަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލެ ސަރަހައްދުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ބިދޭސީ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރެއްގައިވާ ގޮތުން، ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 19 އަހަރުގެ، ސިއަމް ބެޕަރި ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި އަނިޔާގެ ފޮޓޯތަކާއި ބަޔާންތައް ހިމެނޭ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި، އެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ތުހުމަތު ކުރެވޭ މީހާއަށް ވެސް އަނިޔާވެފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ކޯޓުން ވަނީ އެ ޒުވާނާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ ގޮތަށް އަމުރުކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.

އެ މާރާމާރީއާ ގުޅޭ ތަފުސީލެއް މިހާތަނަށް ފުލުހުންގެ ފަރާތުން ލިބިފައިނުވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށްވާއިރު، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑެވެ. އަދި ކުށްތަކަށް އަރައިގަންނަ ބިދޭސީންގެ މައްސަލަ ވެސް ބޮޑެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރު ތެރޭގައި ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

comment ކޮމެންޓް