ކުރިއަށްއޮތް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް އާސެނަލްއިން ދިފާއުކުރާނެ ކަމަށް ސުޕަ ކޮމްޕިއުޓަރުގެ ސިމިއުލޭޝަންތަކުން ދައްކައިފިއެވެ.
ކްލަބްތަކުގެ ތާރީޚީ ކާމިޔާބީތަކާއި، ޓްރާންސްފާ ބާޒާރުގައި ހިންގި މުއާމަލާތްތަކަށް ބަލައި 10،000 ފަހަރު ހިންގި ސިމިއުލޭޝަންތަކަށް ފަހު، އާސެނަލްއަށް ލީގު ލިބުމުގެ 50.6 އިންސައްތަ ފުރުސަތު އޮތް ކަމަށް ވަނީ ލަފާކޮށްފައެވެ.
ލަފާކުރި ތާވަލުގައިވާ ގޮތުން އާސެނަލަށް މި ސީޒަން ނިމޭއިރު އެވަރެޖްކޮށް 85.2 ޕޮއިންޓް ލިބޭނެއެވެ. މެންޗެސްޓާ ސިޓީ ދެވަނައިގައި އޮންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތަކީ 27.5 އިންސައްތައެވެ. މީގެއިތުރުން ތިންވަނަ ލިވަޕޫލަށް ލިބޭނެ ކަމަށް ބެލެވޭއިރު، މެންޗެސްޓާ ޔުނައިޓެޑް ނިންމާލާނީ ތާވަލުގެ ހަތަރުވަނައިގައެވެ.
ސުޕަކޮމްޕިއުޓަރުން ލަފާ ކުރާ ޕޮއިންޓް ޓޭބަލްމި ތާވަލުގެ ފަސްވަނަ އަދި ހައެއްގައި ޗެލްސީއާއި ޓޮޓެންހަމް އޮތްއިރު، ރެލިގޭޝަން ޒޯނުގައި ހިމެނެނީ އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ކޮވެންޓްރީ، އައިޕްސްވިޗް އަދި ހަލް ސިޓީއެވެ.
މި ސިމިއުލޭޝަނުގެ ނަތީޖާއާއެކު އާސެނަލް ވެގެންދާނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ޖެހިޖެހިގެން ދެ ފަހަރު ތަށި ނެގި ހަތަރުވަނަ ކްލަބަށެވެ. މި ސުޕަ ކޮމްޕިއުޓަރަކީ ކޮންމެ އަހަރަކު ސްކައި ސްޕޯޓްސްއިން އަންދާޒާކުރާ ސިމިއުލޭޝަނެކެވެ.
ރެލިގޭޝަން ޒޯނަށް ބަލާއިރު، އަލަށް ޕްރޮމޯޓްވި ތިން ޓީމު ކަމަށްވާ ކޮވެންޓްރީ، އައިޕްސްވިޗް އަދި ހަލް ސިޓީ އަނބުރާ ޗެމްޕިއަންޝިޕަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ ތެރެއިން ހަލް ސިޓީ ރެލިގޭޓްވުމުގެ 81.6 އިންސައްތަ ފުރުސަތު އޮތްއިރު، އޮލިވާ ގްލާސްނާގެ ނޮޓިންހަމް ފޮރެސްޓާއި ކޮވެންޓްރީ ސިޓީ ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ދެ ޓީމަށްވެސް ރެލިގޭޓްވުމުގެ 43.1 އިންސައްތަ ފުރުސަތު އޮތްކަމަށް ސުޕަ ކޮމްޕިއުޓަރުން ދައްކައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ފެށުމަށް ތާވަލުކޮށްފައިވަނީ އޯގަސްޓު 21 ގައެވެ. ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް ބައްދަލުކުރާނީ މި ސީޒަނަށް އަލަށް ޕްރޮމޯޓުވި ކޮވެންޓްރީ ސިޓީއާ ދެކޮޅަށް އެ ދަނޑުގައެވެ.