މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ގޮސްފައިވާ ކަމަށް, ރޮއިޓާސްއިން މިއަދު ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާ ޑޮލަރުގެ އިންޑެކްސް މިހާރު ވަނީ 0.05 ޕަސެންޓް އުފުލި 99.85 އަށް އަރާފައެވެ. އަނެއްކޮޅުން، ޖަޕާނުގެ ޔެންގެ އަގު ވަނީ ޑޮލަރާ އަޅައިބަލާއިރު 0.05 ޕަސެންޓް ދަށަށް ގޮސް 159.38 އަށް ވެއްޓިފައެވެ. މިއީ އެމެރިކާއާއި ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ޔެންގެ އަގު ހިފެހެއްޓުމަށް ދާދި ފަހުން މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އައިސްފައިވާ ދަށްވުމެކެވެ.
މީގެ އިތުރުން، ޔޫރޯގެ އަގު 0.1 ޕަސެންޓް ދަށަށް ގޮސް 1.1534 ޑޮލަރަށް ވެއްޓިފައިވާއިރު، އިނގިރޭސި ޕައުންޑުގެ އަގަށް ބަދަލެއް ނައިސް ހުރީ 1.3505 ޑޮލަރުގައެވެ. އޮސްޓްރޭލިއާ ޑޮލަރުގެ އަގު ވެސް ވަނީ 0.1 ޕަސެންޓް ދަށަށް ގޮސް 0.7056 ޑޮލަރަށް ވެއްޓިފައެވެ. އަދި ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަންއަށް އިތުބާރު އޮތްތޯ ބެލުމަށް ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު އޭނާ ކާމިޔާބުކުރެއްވި ކަމަށް ބުދަ ދުވަހު އިއުލާންކުރުމާ ގުޅިގެން، އެ ގައުމުގެ ޑޮލަރުގެ އަގު ވަނީ 0.25 ޕަސެންޓް ދަށަށް ގޮސް 0.5867 ޑޮލަރަށް ވެއްޓިފައެވެ.
މާކެޓުތަކުގެ ސަމާލުކަން މިހާރު ހުރީ އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވް (ފެޑް) ގެ އިންޓަރެސްޓް ރޭޓަށް ގެންނާނެ ބަދަލެއް ދެނެގަތުމަށްޓަކައި އާންމުކުރާ އިންފްލޭޝަން ތަފާސްހިސާބުތަކަށެވެ. ފެޑް ބޭންކް އޮފް ޝިކާގޯގެ ރައީސް އޮސްޓަން ގޫލްސްބީ އަންގާރަ ދުވަހު ވިދާޅުވިގޮތުގައި، ވަޒީފާގެ ބާޒާރު ބަލިކަށިވުމަށް ވުރެ ބޮޑަށް އޭނާ ކަންބޮޑުވަނީ އިންފްލޭޝަން މަތިވުމާ ގުޅިގެންނެވެ.
އައިއެންޖީގެ ގްލޯބަލް ހެޑް އޮފް މާކެޓްސް ކްރިސް ޓާނާ ވިދާޅުވި ގޮތުގައި، އިންފްލޭޝަންގެ އަދަދުތައް ދަށްކޮށް ހުރެއްޖެ ނަމަ، ސެޕްޓެންބަރު މަހު ފެޑުން އިންޓަރެސްޓް ރޭޓް ބޮޑުކުރާނެ ކަމަށް މާކެޓުން ލަފާކުރާ މިންވަރު ދަށްވާނެއެވެ. ސީއެމްއީ ގްރޫޕްގެ ފެޑްވޮޗް ޓޫލް އިން ދައްކާ ގޮތުގައި، ސެޕްޓެންބަރު 16 ގައި ނިމޭ ފެޑްގެ ބައްދަލުވުމުގައި އިންޓަރެސްޓް ރޭޓަށް ބަދަލެއް ނުގެނެސް ބޭއްވުމުގެ ފުރުސަތު 50 ޕަސެންޓަށް އޮތް ކަމަށް މާކެޓުން ލަފާކުރެއެވެ.
ދުނިޔޭގެ އިގްތިސާދަށް މިހާ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާއިރު ވެސް އީރާނާއި އެމެރިކާގެ ހަނގުރާމަ ނިމެން އުޅޭކަމުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ. އީރާނާ ގުޅުން ހުރި ޔަމަނުގެ ހޫތީންނާއި އެމެރިކާއިން އާގުބޯޓުފަހަރަށް ހަމަލާދީފައިވާ ކަމަށް އަންގާރަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުނުކުރާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ވެސް ކަޅުބާޒާރުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު ނުދާހާ މައްޗަށް މިހާރު ވަނީ ގޮސްފައެވެ. އެގޮތުން ޑޮލަރެއް މިހާރު ކަޅުބާޒާރުން އާއްމުކޮށް ގެންނަން ލިބެނީ 22 ރުފިޔާއިން މަތީ އަގަކަށެވެ. ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމަކީ ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލޭ ސަބަބެކެވެ.