ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް 2026: ތަފާތު މާހައުލުތަކުގައި ދިރިއުޅުނަސް އުންމީދުތައް އެއްގޮތް

އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަކަށް ގޮސް ތިބި ޒުވާނުންތަކެއް-- ފޮޓޯ/ އިމިގްރޭޝަން

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ އދ. އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހެވެ. މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "ތަފާތު މާހައުލުތައް، އެއް އުންމީދުތަކެއް" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ދިރިއުޅެމުންދާ ހާލަތްތަކާއި މާހައުލުތައް ތަފާތުވި ނަމަވެސް، އެންމެންގެ ވެސް އުންމީދުތައް އެއްގޮތް ކަމެވެ.

އދ. އިން ބުނާ ގޮތުގައި، ކުޑަ ޖަޒީރާ ރަށެއްގައި ދިރިއުޅޭ ޒުވާނަކާއި، ބިންބޮޑު އަދި ކަނޑާ ގުޅިފައިނުވާ ގައުމެއްގައި ކިޔަވާ ދަރިވަރަކާއި، ނުވަތަ ތަރައްގީވެފައިވާ ބޮޑު ސިޓީއެއްގައި ދިރިއުޅޭ ޒުވާނަކަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި ނުރައްކާތައް ވަރަށް ބޮޑަށް ތަފާތުވެދާނެއެވެ.

އެހެންނަމަވެސް، ކޮންމެ ތަނެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް، ކޮންމެ ޒުވާނަކު ވެސް ބޭނުންވަނީ ރަނގަޅު ސިއްހަތަކާއި، ބޭނުންތެރި ތައުލީމަކާއި، ކަރާމާތްތެރިކަމާއެކު އަދާކުރާނެ ވަޒީފާއެކެވެ. އަދި މުޖުތަމައުގެ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތާއި، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމުގެ ފުރުސަތު ލިބުމަކީ ވެސް އެމީހުންގެ އާންމު އުންމީދުތަކެވެ. އެހެންކަމުން، މި ދުވަހުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުން ބޭނުންވާ މުސްތަގުބަލު ބިނާކުރުމަށް އެމީހުންނަށް ބާރުވެރިކަން ދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމެވެ.

ޒުވާނުންގެ އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ/ ޔޫތު މިނިސްޓްރީ

ދުނިޔޭގެ ޒުވާނުންގެ އާބާދީއާއި ވަޒީފާގެ ބާޒާރަށް ބަލާއިރު، މިވަގުތު އޮތީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ (އައިއެލްއޯ) އިން 2026 ވަނަ އަހަރުގެ އޮގަސްޓު މަހު ނެރުނު "ގްލޯބަލް އެމްޕްލޯއިމަންޓް ޓްރެންޑްސް ފޯ ޔޫތު 2026" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް ވަނީ 12.4 ޕަސެންޓަށް އުފުލިފައެވެ. މިއީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ 67 މިލިއަން ޒުވާނުންނެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް މައްޗަށް ގޮސްފައިވަނީ އަރަބި ގައުމުތަކުގައާއި އުތުރު އެފުރިކާގައެވެ. އަރަބި ގައުމުތަކުގައި މި ނިސްބަތް 26.2 ޕަސެންޓުގައި ހުރިއިރު، އުތުރު އެފުރިކާގައި ހުރީ 22.6 ޕަސެންޓުގައެވެ. މީގެ އިތުރުން، އުތުރު އެމެރިކާ ފަދަ މުއްސަނދި ގައުމުތަކުގައި ވެސް ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް ވަނީ 2023 ވަނަ އަހަރު ހުރި 8.3 ޕަސެންޓުން 2025 ވަނަ އަހަރުގެ ނިޔަލަށް 9.8 ޕަސެންޓަށް އިތުރުވެފައެވެ. ވަޒީފާއެއްގައި ނޫޅޭ، އަދި ތައުލީމެއް ނުވަތަ ތަމްރީނެއް ވެސް ހާސިލުނުކުރާ (ނީޓް) ޒުވާނުންގެ ނިސްބަތް ވަނީ 20 ޕަސެންޓަށް އިތުރުވެފައެވެ.

އައިއެލްއޯއިން ހާމަކުރި ގޮތުގައި، މިއީ ގާތްގަނޑަކަށް 257 މިލިއަން ޒުވާނުންނެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބަޔަށް ވުރެ ގިނައީ އަންހެނުންނެވެ. މި އަދަދުތައް މައްޗަށް ގޮސްފައިވަނީ ދުނިޔޭގެ އިގުތިސާދީ ދުވެލި މަޑުޖެހުމާއި، އާ ވަޒީފާތައް އުފެދޭ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. ހަމައެއާއެކު، ސިނާރު (އޭއައި) ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން ޒުވާނުން އަދާކުރާ ވަޒީފާތަކުގެ 6.1 ޕަސެންޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

ޒުވާނުންގެ އެންމެ ބޮޑު އެއް އުންމީދަކީ ކަރާމާތްތެރިކަމާއެކު އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވުމެވެ. ނަމަވެސް، އިގުތިސާދީ ފުރުސަތުތައް ހޯދުމުގައި ގިނަ ގައުމުތަކެއްގައި ޒުވާނުންނަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. އައިއެލްއޯގެ ޑިރެކްޓަރ ޖެނެރަލް ގިލްބަޓް އެފް. ހޫންގްބޯ ވިދާޅުވި ގޮތުގައި، ރަނގަޅު ވަޒީފާއެއް ނުލިބޭ ޖީލަކަށް އިތުބާރާއެކު މުސްތަގުބަލެއް ބިނާނުކުރެވޭނެއެވެ.

ޒުވާނުންނަށް ފެންވަރު ރަނގަޅު ވަޒީފާތައް ނުލިބުމަކީ ގައުމުތަކުގެ އުފެއްދުންތެރިކަމާއި އިޖުތިމާއީ ބަދަހިކަން ގެއްލިގެންދާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި، ގިނަ ޒުވާނުން މަސައްކަތްކުރަން ޖެހިފައިވަނީ އެއްވެސް ރައްކާތެރިކަމެއް ނެތް ނުރަސްމީ ވަޒީފާތަކުގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާމްދަނީ މަދު ގައުމުތަކުގައި މަސައްކަތްކުރާ ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓު މީހުން އުޅެނީ ނުރަސްމީ ދާއިރާތަކުގައެވެ.

މީގެ ސަބަބުން އެމީހުންނަށް އިޖުތިމާއީ ރައްކާތެރިކަމެއް ނުލިބެއެވެ. އަދި ތައުލީމީ ނިޒާމުން ދަސްކޮށްދޭ ހުނަރުތަކާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަކާ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ވެސް ޒުވާނުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މެދު ފަންތީގެ ހުނަރު ބޭނުންވާ ވަޒީފާތައް މަދުވަމުން ދިއުމުގެ ސަބަބުން، ޒުވާނުންނަށް ދާއިމީ ކެރިއަރެއް ބިނާކުރުމަށް ވަނީ ދަތިވެފައެވެ. އެހެންކަމުން، ޑިޖިޓަލް އިގުތިސާދުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ޒަމާނީ ހުނަރުތައް ދަސްކޮށްދިނުމަށް ސަރުކާރުތަކުން އިންވެސްޓުކުރުން މުހިންމު ކަމަށް މާހިރުން ފާހަގަކުރެއެވެ.

ވަޒީފާގެ މައްސަލަތަކުގެ އިތުރުން، މިއަދުގެ ޒުވާނުން އެންމެ ބޮޑަށް ކަންބޮޑުވާ އަނެއް މައްސަލައަކީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކެވެ. ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް ޒުވާނުން އަންނަނީ އިސް ސަފުގައި މަސައްކަތްކުރަމުންނެވެ. މިގޮތުން، 2026 ވަނަ އަހަރު ބްލޫމްބާގް ފިލަންތްރޮޕީސް އިން ވަނީ އެ ފަރާތުގެ "ޔޫތު ކްލައިމެޓް އެކްޝަން ފަންޑު" ދުނިޔޭގެ 300 ސިޓީއަކަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި އެފްރިކާގެ 60 ސިޓީއަކާއި، އޭޝިއާގެ 35 ސިޓީއެއް ހިމެނެއެވެ.

މި ފަންޑުގެ ދަށުން މިހާތަނަށް 3 ލައްކަ ޒުވާނުންނަށް ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތައް ހިންގުމަށް ފުރުސަތު ލިބިފައެވެ. މި ޒުވާނުން ވަނީ އެމީހުންގެ ސިޓީ ކައުންސިލްތަކާ ގުޅިގެން 1،600 އަށް ވުރެ ގިނަ ފެހި ސަރަހައްދުތައް ގާއިމުކޮށް، 1.8 މިލިއަން ގަސް އިންދައި، އަދި 4 ލައްކައަށް ވުރެ ގިނަ ޕައުންޑުގެ ކުނި ނަގައި ރީސައިކަލްކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ސިޓީއަކަށް 50،000 ޑޮލަރުގެ މައިކްރޯގްރާންޓް ދޫކޮށްފައިވާއިރު، މިއީ ޒުވާނުންގެ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިފަދަ ހަރަކާތްތަކުން ދައްކައިދެނީ ޒުވާނުންނަކީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ގެއްލުން ތަހައްމަލުކުރާ ބައެއް ނޫން ކަމާއި، އެއީ ހައްލުތައް ހޯދުމުގައި ވެސް އިސް ދައުރެއް އަދާކުރާ ބައެއް ކަމެވެ.

ޒުވާނުން ބާރުވެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އދ. ގެ "ޔޫތު ސްޓްރެޓެޖީ 2030" ގެ ދަށުން، ޒުވާނުންގެ ހައްގުތައް ކަށަވަރުކުރުމަށާއި ނިންމުންތައް ނިންމާ ފެންވަރުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް އަންނަނީ ބާރުއަޅަމުންނެވެ. އދ. ގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެން ޑެސާ) އިން 2026 ވަނަ އަހަރު ނެރުނު "ވޯލްޑް ޕޮޕިއުލޭޝަން ހައިލައިޓްސް 2026: ޔޫތު" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމާއި، ތައުލީމާއި، ވަޒީފާގެ ފުރުސަތުތަކަށް އަމާޒުކޮށްގެން ސިޔާސަތުތައް އެކުލަވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޚާއްސަކޮށް، ޖިންސީ އަދި ނަސްލު އުފެއްދުމުގެ ސިއްހަތާ ގުޅޭ ކަންކަމުގައި ޒުވާނުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މި ރިޕޯޓުގައި ގޮވާލާފައިވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލުކުރުމުގައި ޒުވާނުންގެ އީޖާދީ ވިސްނުމާއި ހަކަތަ ބޭނުންކުރުމަށް ސަރުކާރުތަކުން އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މުސްތަގުބަލަށް ބަލާއިރު، ޒުވާނުންގެ ކުރިއެރުމަށް އޮތް އެންމެ މުހިންމު މަގަކީ ތަފާތު ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުމެވެ. ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމަކީ ހަމައެކަނި އެމީހުންގެ ހައްގެއް ނޫނެވެ. އެއީ މުޅި މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. ބްލޫމްބާގް ފިލަންތްރޮޕީސް ފަދަ ފަރާތްތަކުން ދޫކުރާ މައިކްރޯގްރާންޓްތަކުގެ އެހީގައި 2026 ވަނަ އަހަރުގެ ފަހުކޮޅު ޒުވާނުން އިސްވެ ހިންގާ ތިމާވެށީގެ ގިނަ މަޝްރޫއުތަކެއް އަމަލީ ގޮތުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޒުވާނުންނަށް އޮތް އުފާވެރި ޚަބަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް