ބައްޕަ މަރުވުމުން، މެސީ ފުޓްބޯޅަ ކުޅުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި

މެސީއާއި އޭނާގެ ބައްޕަ: ބައްޕަ މަރުވުމާ ގުޅިގެން، މެސީވަނީ ފުޓުބޯޅަ ކުޅުމާ ދުރަށް ޖެހިފައި --

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވުމާ ގުޅިގެން، މެސީ އޭނާގެ ފްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފިއެވެ.

ޖޯޖް މެސީ މަރުވީ އުމުރުން 68 އަހަރުގައި ރޮސާރިއޯގެ ކްލިނިކެއްގަ ފަރުވާކުރަމުން ދަނިކޮށެވެ. އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބައްޔަކަށް ފަރުވާ ހޯދަމުން ދިއުމަށްފަހުއެވެ.

ފްރާންސްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ "ފުޓް މާކާޓޯ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ އޭނާގެ ކްލަބްގެ ޒިންމާތަކުން އެއްފަރާތްވީ މި ދަތި ދަނޑިވަޅުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ގައި އިންޓަ މިއާމީއަށް ކުޅެމުންދާ މެސީ އެނބުރި ދަނޑަށް ނިކުންނާނެ ވަކި ތާރީޚެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. އޭނާ 2023 ވަނަ އަހަރު އެމެރިކާގެ ކްލަބާ ގުޅުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި އެ ޓީމަކީ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާ ފެންވަރުގެ ޓީމަކަށް ވަނީ ބަދަލުކޮށްދީފައެވެ.

މެސީގެ ބައްޕަ ޖޯޖް މެސީއަކީ މެސީގެ ފުޓްބޯޅަ ކެރިއަރު ފެށުނީއްސުރެ އޭނާގެ އެންމެ އިސް އެޑްވައިޒަރު އަދި އޭޖެންޓެވެ.

އިންޓަ މިއާމީ ޖާޒީގައި މެސީ--

އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއިސް އިން ފެށިގެން، ސްޕެއިނަށް ބަދަލުވެ ހޯދި ތާރީޚީ ކާމިޔާބީތަކާ ހަމައަށް މެސީއަށް މަގުދައްކައިދިނީ އޭނާގެ ބައްޕައެވެ. މެސީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިޔަކަށް ހެދުމަށްޓަކައި އޭނާގެ ބައްޕަ ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ބޭއްވުނު ބޮޑެތި މުބާރާތްތަކާއި ކޮންޓްރެކްޓްތަކުގެ މަޝްވަރާތަކުގައި ޖޯޖް މެސީ ވަނީ މެސީއާއެކު މަރުދުވަހާ ހަމައަށް ވެސް ސާބިތުވެ ހުރެފައެވެ. އެންމެ ފަހުން އެމެރިކާގައި މި ފަހުން ބޭއްވުނު ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ވެސް ބައްޕަގެ ސިއްހީ ހާލަތާ މެދު އާއިލާއިން ކުރަމުންދިޔަ ކަންބޮޑުވުންތަކުގެ އަސަރު މެސީއަށް ވަރަށް ބޮޑަށް ކުރިއެވެ.

ބައްޕަގެ ބަލިހާލަތާ ބެހޭގޮތުން ވާހަކަދައްކާއިރު މެސީގެ ލޮލުން ކަރުނަ ހިލިގެންދާ މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

ބައްޕަ ނިޔާވި ޚަބަރު ލިބުމާއެކު މެސީ ވަނީ ވަގުތުން އެމެރިކާ ދޫކޮށް އާޖެންޓީނާއަށް ގޮސްފައެވެ. ޖޯޖް މެސީގެ ޖަނާޒާގެ ކަންތައްތައް ރޮސާރިއޯގައި ކުރިއަށްދިޔައީ އާއިލާގެ މެންބަރުންނާއެކު ވަރަށް އެކަހެރިކޮށެވެ. މިވަގުތު މެސީ ހުރީ އޭނާގެ މަންމަ، އެއްބަނޑު އެއްބަފާ މީހުން، އަންހެނުން އަދި ދަރިންނާއެކުގައެވެ. މެސީއަށް ތައުޒިޔާ ކިޔުމަށްޓަކައި އާޖެންޓީނާގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ލެއަންޑްރޯ ޕެރެޑޭސް، އެންހެލް ޑި މާރިއާ އަދި ނިކޮލަސް އޮޓަމެންޑީ ހިމެނެއެވެ.

އާޖެންޓީނާގެ މީޑިއާތަކުން މިހާރު ދަނީ މެސީ ފުޓްބޯޅައިން ދާއިމީކޮށް ރިޓަޔާކޮށްފާނެ ކަމަށް ބުނެ ވާހަކަދައްކަމުންނެވެ. ނަމަވެސް، ކުޅުން މުޅިން ހުއްޓާލުމާ ބެހޭގޮތުން މެސީ މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މެސީ މިހާރު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ނާޒުކު ފައްތަރުގައެވެ. އޭނާ އެމެރިކާގެ ކްލަބަށް އެނބުރި ދާނީތޯ ނުވަތަ ފުޓްބޯޅައާ ދާއިމީކޮށް ވަކިވާނީތޯ ނިންމުމަށް އޭނާ ބޭނުންވާ ވަގުތު ނަގާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް