ރޮނާލްޑޯގެ ކައިވެނީގެ ދޮގު ޚަބަރަކާ ގުޅިގެން އެހެން މީހެއްގެ ކައިވެނި ހަފުލާއަކަށް ހުރަސްއެޅިއްޖެ

ރޮނާލްޑޯއާއި ޖޯޖީނާގެ ކައިވެނީގެ ހަފުލާ އޮތް ކަމުގެ ދޮގު ޚަބަރެއް ފެތުރި، ގިނަ ބަޔަކު އެހެން ބަޔެއްގެ ކައިވެނީގެ ހަފުލާއެއް ކައިރިއަށް އެއްވެފައި --

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނި ކުރަން އުޅޭ ކަމަށް ފެތުރުނު ދޮގު ޚަބަރުތަކަކާ ގުޅިގެން، ރޮނާލްޑޯގެ އުފަން ރަށް ކަމަށްވާ ޕޯޗުގަލްގެ މެޑެއިރާގެ ފުންޗާލްގައި ހުންނަ ސޭ ކެތީޑްރަލް ކައިރިއަށް 2،000 އަށްވުރެ ގިނަ ސަޕޯޓަރުންނާއި ނޫސްވެރިން އެއްވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރޮނާލްޑޯގެ ކައިވެނީގެ ދޮގު ދައުވަތު ކާޑުތަކެއް ދައުރުވެ، ބައެއް މީޑިއާތަކުން މި ޚަބަރު ފެތުރުމާ ގުޅިގެން ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވީ ރޮނާލްޑޯގެ ކައިވެނި ބެލުމަށެވެ.

ނަމަވެސް، އެ ވަގުތު އެ ކެތީޑްރަލްގައި ކުރިއަށްދިޔައީ ފްރާންސުން އެނބުރި އައިސް އުޅޭ އެ ރަށުގެ ދެމަފިރިއެއް ކަމަށްވާ، ފާބިއޯ ރާމޯސްއާއި ފާތިމާ ނިކޯލް ޓިޝޭރާ ކިޔާ ދެ މީހެއްގެ ކައިވެނީގެ ހަފުލާއެވެ.

ކެތީޑްރަލްގެ ބޭރަށް އެއްވެފައި އޮތް ބޮޑު ގްރޫޕުގެ ސަބަބުން، ކައިވެނި ކުރަން އައި ނިކޯލްގެ ކައިވެނީގެ ހަފުލާއަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

ރޮނާލްޑޯއާއި ޖޯޖީނާ: ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮތް ކަމުގެ ދޮގު ޚަބަރެއް ފެތުރި، ގިނަ ބަޔަކު އެހެން ބަޔެއްގެ ކައިވެނީގެ ހަފުލާއެއް ކައިރިއަށް އެއްވި ---

މި ހާދިސާއާ ގުޅިގެން ސޭ ކެތީޑްރަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، މަގުމަތީގައި ނޫސްވެރިންނާއި ފަތުރުވެރިންގެ ސަބަބުން ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދުނު ނަމަވެސް، އެންމެ ފަހުން ވަރަށް ދަތިހާލުގައި ކައިވެނި ކުރެވުނު ކަމަށެވެ.

ކައިވެނީގެ ހަފުލާއަށް ދިޔަ މެހެމާނަކު މީޑިއާއަކަށް ބުނެފައިވަނީ، އެއްވެސް ސެކިއުރިޓީއަކާ ނުލައި ރޮނާލްޑޯ ކައިވެނި ކުރާނެ ކަމަށް މީހުން ގަބޫލުކުރުމުން ހައިރާންވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިންސްޓަގްރާމްގައި ފެތުރުނު ޚަބަރެއް ރޮނާލްޑޯއަށް ވަނީ ވަރަށް މަޖާވެ، އިމޯޖީތަކަކުން ރިއެކްޓްކޮށް ޕޯސްޓެއް ވެސް ކޮށްފައެވެ. ނަމަވެސް، އޭނާ އާއި ޖޯޖީނާ ހަގީގަތުގައި ކައިވެނި ކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯގެ އާއިލާއިން ކުރިންވެސް ވަނީ އެ ހަފުތާ ބަންދުގައި އޭނާގެ ކައިވެންޏެއް ނެތް ކަމަށް ބުނެފައެވެ. އަދި ރޮނާލްޑޯގެ ދައްތަ، އެލްމާ އަވޭރޯ ވަނީ މި ދޮގު އަޑުތައް ގަބޫލުކުރި މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނިގޮތުގައި ރޮނާލްޑޯ އަމިއްލައަށް ކައިވެނި އިއުލާން ނުކުރަނީސް މިފަދަ ދޮގު ވާހަކަތައް ގަބޫލުކުރުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

comment ކޮމެންޓް