މިއަހަރުގެ ބެލޮންޑޯ އެވޯޑަށް ވާދަކުރާ އެންމެ މޮޅު 30 ކުޅުންތެރިންގެ ޝޯޓްލިސްޓް ފްރާންސް ފުޓްބޯލް މެގަޒިނުން އިޢުލާންކުރިއިރު، ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން މިއަހަރުވެސް މި ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.
މިއީ ޖެހިޖެހިގެން ރޮނާލްޑޯ މި އެވޯޑަށް ނޮމިނޭޓުނުވި ހަތަރުވަނަ ފަހަރެވެ. މިހާތަނަށް 18 ނޮމިނޭޝަނާއެކު ބެލޮންޑޯގެ ތާރީޚުގައި އެންމެ ގިނަ ނޮމިނޭޝަން ހޯދާފައިވާ ކުޅުންތެރިޔާ މިފަހަރުގެ ލިސްޓުން އުނިވުމާއެކު ފުޓްބޯޅަ ދުނިޔޭގައި މިހާރު ދަނީ ބޮޑެތި ބަހުސްތަކެއް ކުރެވެމުންނެވެ.
ސައުދީ އަރަބިއްޔާގެ އަލް ނަސްރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ--
ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފާއިތުވި 18 އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލިސްޓުން އެއްވެސް މެދުކެނޑުމެއްނެތި ޖާގަ ހޯދަމުން އައި ކުޅުންތެރިއެކެވެ. އޭނާ ވަނީ މި އެވޯޑް ފަސް ފަހަރު ހޯދާފައެވެ. އެއީ 2008، 2013، 2014، 2016، އަދި 2017 ގައެވެ.
ނަމަވެސް، މެންޗެސްޓަރ ޔުނައިޓެޑާއެކު ހެދި ކޮންޓްރެކްޓް ބާތިލްކުރުމަށްފަހު، ޖެނުއަރީ 2023 ގައި ރޮނާލްޑޯ ސައުދީ ލީގުގެ އަލް ނަސްރަށް ބަދަލުވުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރަށް ބޮޑު ބަދަލެއް އައި ކަމެކެވެ. ރޮނާލްޑޯ ސައުދީ ލީގާ ގުޅުނު ފަހުން، އޭނާ ބެލޮންޑޯ ލިސްޓުން މުޅިން ބާކީވާން ފެށިއެވެ.
ރޮނާލްޑޯ ނޮމިނޭޓް ނުވި މައިގަނޑު ސަބަބުތައް:
1. ސައުދީ ލީގުގެ ފެންވަރާ މެދު އޮތް ތަޞައްވުރު:
ފްރާންސް ފުޓްބޯލް މެގަޒިނުން ބެލޮންޑޯ ދިނުމުގައި ޔޫރަޕްގެ މަތީ ފަންތީގެ ލީގުތަކަށާއި ޔޫއެފާ ޗެމްޕިއަންސް ލީގަށް ބޮޑު އިސްކަމެއް ދެއެވެ. ސައުދީ ލީގަކީ މިހާރު ދުނިޔޭގެ ސަމާލުކަން ލިބެމުންދާ ލީގެއް ނަމަވެސް، ޔޫރަޕްގެ ފުޓްބޯޅައިގެ ފެންވަރާ އަޅާބަލާއިރު އެއީ ދަށް ލީގެއްގެ ގޮތުގައި ފާޑުކިޔުންތެރިން ދެކެއެވެ. އެހެންކަމުން އެ ލީގުގައި ކުޅޭ ކުޅުންތެރިއަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ގެނައުމަށް ވޯޓުދޭ ފަރާތްތަކުން ޖެހިލުންވެއެވެ.
2. އަލް ނަސްރާއެކު ބޮޑު ކާމިޔާބީއެއް ނުލިބުން

ރޮނާލްޑޯ އަލް-ނަސްރަށް ބަދަލުވި ފަހުން އަމިއްލަ ގޮތުން ގިނަ ލަނޑުތަކެއް ޖަހައި ރެކޯޑްތައް ހެދި ނަމަވެސް، ޓީމެއްގެ ގޮތުގައި އެއްވެސް ބޮޑު ތައްޓެއް (މިސާލަކަށް ސައުދީ ލީގު ނުވަތަ އޭޝިއަން ޗެމްޕިއަންސް ލީގު) ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ބެލޮންޑޯ ހޮވުމުގައި ކުޅުންތެރިޔާގެ ޓީމަށް ހޯދައިދޭ ކާމިޔާބީތަކަށް ބޮޑު ބަރުދަނެއް ދެއެވެ.
3. ގައުމީ ޓީމާއެކު ތަށިމަދުވުން
ޕޯޗުގަލްގެ ގައުމީ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ--
ކްލަބް ލެވެލްގެ އިތުރުން ޕޯޗުގަލްގެ ގައުމީ ޓީމާއެކު ބައިނަލްއަގުވާމީ މައިދާނުގައިވެސް ރޮނާލްޑޯ އަށް މި ފަހަކަށް އައިސް ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
މިއަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމުގައި ހިމެނިގެން ތިން ލަނޑު ޖެހި ނަމަވެސް، މުބާރާތުގެ ފަހު މަރުހަލާތަކާ ހަމައަށް ޓީމު ގެންގޮސްދީ، ތަށި ހާސިލްކޮށްދެވޭ ގޮތެއް ނުވިއެވެ.
މާނޭ އާއި ކީނިއޯނެސް ބެލޮންޑޯ ލިސްޓަށް
އެވޯޑަށް ނޮމިނޭޓުވި މާނޭ އަދި ކީނިއޯނެސް--
މި ފަހަރުގެ ލިސްޓުން އެންމެ ފާހަގަކޮށްލެވުނު ކަމަކީ ސައުދީ ލީގުގައި ކުޅޭ އެހެން ކުޅުންތެރިންނަށް ޖާގަ ލިބުމެވެ. ރޮނާލްޑޯއާއެކު އަލް-ނަސްރަށް ކުޅޭ ސެނެގާލްގެ ސާޑިއޯ މާނޭ އަދި އަލް-ގަދްސިޔާގެ މެކްސިކޯ ފޯވާޑް ޖޫލިއަން ކީނިއޯނެސް ވަނީ މިއަހަރުގެ 30 ކުޅުންތެރިންގެ ޝޯޓްލިސްޓުގައި ހިމެނިފައެވެ. މީގެ އިތުރުން ރޮނާލްޑޯގެ ވާދަވެރިޔާ ލިއޮނަލް މެސީވެސް ވަނީ 17 ވަނަ ފަހަރަށް މި ލިސްޓުން ޖާގަ ހޯދާފައެވެ.
މި ހުރިހާ ސަބަބުތަކާ ހުރެ، އަމިއްލަ ހުނަރު ދެއްކި ނަމަވެސް ކާމިޔާބީތައް މަދުވުމުގެ ސަބަބުން ރޮނާލްޑޯއަށް ވަނީ މިއަހަރުގެ ބެލޮންޑޯ ރޭހުން މުޅިން ބާކީވާން ޖެހިފައެވެ.