ހިމަބީހީގެ ކޭސްތައް އަނެއްކާވެސް އިތުރުވެ، މިދިޔަ ހަފުތާގައި އިތުރު 17 މީހުން ޕޮޒިޓިވްވި

ހިމަބިހި ވެކްސިން ޖަހަނީ: މި ބަލީގެ ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ ފަހުކޮޅު، ހިމަބިހީގެ ކޭސްތައް ފެނުނު މިންވަރު ދަށްވުމަށް ފަހުގައި، މިދިޔަ ހަފުތާގައި އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި މި ބައްޔަށް އިތުރު 17 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެކަމަކު، މިދިޔަ މަހުގެ ފަހު ހަފުތާގައި މި ބައްޔަށް ޕޮޒިޓިވްވީ، 13 މީހުންނެވެ.

https://sun.mv/225584

މިދިޔަ ހަފުތާގައި ޕޮޒިޓިވްވި މީހުންނާއެކީ މިހާތަނަށް ވަނީ، ހިމަބިހީގެ ކޭސްތައް 216އަށް އަރާފައެވެ. އެޗްޕީއޭއިން ވަނީ، މި ބަލިން ރައްކާތެރިވުމަށް މިހާތަނަށް 14،701 މީހުންނަށް ވެކްސިން ވެސް ދީފައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ވެކްސިން ކާޑެއް: ހިމަބަހީގެ ކޭސްތައް މިދިޔަ ހަފުތާގައި ވަނީ އިތުރުވާން ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ދާދި ފަހުން ރާއްޖެ ހިމެނުނެވެ. އަދި، އެ ބައްޔަށް ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަރުވެފައެވެ.

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.

ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް