އަންހެން މަސްވެރިންނަށް ވެސް ކުރިމަތި ލެވޭ ގޮތަށް ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

މަސްވެރިންތަކެއްް -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

އަންހެން މަސްވެރިންނަށް ވެސް ނަން ހުށަހެޅޭ ގޮތަށް، މި އަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ ޚާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްއިން މިއަދު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލޭގައި ބާއްވާ ރަސްމީ ހަފްލާގައި މި އަހަރު ހަތަރު ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ނިންމައިފައެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ވަނީ އާމްދަނީ ހޯދުމަށް މަސްވެރިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްސަކޮށް "ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު" ތައާރަފުކޮށްފައެވެ.

މި އަހަރު ދިނުމަށް ހަމަޖެހިފައިވާ ހަތަރު އެވޯޑަކީ:

  • މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް).
  • މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި).
  • އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
  • މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.

މި އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުންނާއި އެހެން ފަރާތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެވޯޑުތަކަށް އެދި ހުށަހަޅާ ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް (www.fishagriocean.gov.mv) އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު، މި މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 3322625 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މަސްވެރިންގެ އެވޯޑަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރަމުންދާ މަސްވެރިންނާއި، ކެޔޮޅުންނާއި، ދޯނިފަހަރު އަދި ކުންފުނިތަކުގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ދެމުންގެންދާ ޝަރަފުވެރި އެވޯޑެކެވެ.

މި އެވޯޑުތައް ހަވާލުކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަދި މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން އެހެން ފަރާތްތަކުން ނޮމިނޭޓް ކުރުމުގެ ފުރުސަތުވެސް ލިބެއެވެ.

comment ކޮމެންޓް