ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މެދު ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާނަމަ، ބޭރުގެ ބޭންކުތަކާ އެކު އޮންނަ ގުޅުންތަކަށް ބުރޫއަރައި، މުޅި ގައުމުގެ މާލީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް އެ ބޭންކުން ބުނެފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "އިގްތިސާދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލްއަކީ ދިވެހި އިގްތިސާދުގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ.

"އިގްތިސާދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވާހަކަދައްކަވަނީ ---
އެހެންކަމަށްވާއިރު، ބޭންކާއި ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު ނަގާލުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ޚާއްސަކޮށް ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކާއެކު އޮންނަ "ކޮރެސްޕޮންޑެންޓް ބޭންކިން" ގުޅުންތަކަށް މީގެ ނޭދެވޭ އަސަރުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ބޭރުގެ ބޭންކަކާ އޮންނަ ގުޅުމެއް ކެނޑިގެން ދިޔަ ނަމަވެސް، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށާއި، ބޭރު ގައުމުތަކުގައި ތިބޭ ދިވެހި ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުން ބޭންކް ކާޑުތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ.
ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ސަޢީދު ވިދާޅުވީ، 2024 ވަނަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ޑޮލަރު ވިއްކާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 40 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް 81 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދޫކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ބޭންކުން އަލަށް ދޫކުރި ލޯނުތަކުގެ ތެރެއިން 8.9 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 270 މިލިއަން ޑޮލަރަށް އަރާކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލްއަކީ ދިވެހި ބޭންކިން ދާއިރާގައި ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިފައިވާ، މާލީ ބާޒާރުގައި އެންމެ އިސް ދައުރެއް އަދާކުރާ މުއައްސަސާއަށް ވާއިރު، ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ މުޅި ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށް އެ ބޭންކުން ދެކެއެވެ.