ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު ފާހަގަކުރަން ނަޝީދާއި ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަނީ

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި ޔާމީން ތިން ރައީސުން މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ —— ފޮޓޯ: އަދަދު

ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ސިޓީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މި ދެ ބޭފުޅުން ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހެވެ.

ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ހުރިހާ ކުރީގެ ރައީސުންނަށް ވެސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަނީ އަރުވާފައެވެ. ނަމަވެސް، މިހާތަނަށް އެ ދައުވަތު ގަބޫލުކުރައްވާފައި ވަނީ ނަޝީދާއި ޔާމީން އެކަންޏެވެ.

"އަޅުގަނޑުމެން ހުރިހާ ރައީސުންނަށް ވެސް ދައުވަތު އެރުވިން، ދެން ދައުވަތު ގަބޫލުކުރައްވާފައި ވަނީ އެ ދެ ބޭފުޅުން، އެހެންވީމާ އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ތައްޔާރީތައް ވަމުން މިދަނީ،" ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ދެ ރައީސުންނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ރައްޔިތުން ވަރަށް ފޯރީގައި ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި ޔާމީން.. ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

މި މުނާސަބަތު ފާހަގަކުރުމަށް ތިން ދުވަހުގެ މުއްދަތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ގަސް އިންދުމުގެ ހަރަކާތަކާއި، ފުޅަނދުބުރެއްގެ އިތުރުން ރަށުގައި ބޮޑު ދިދައެއް ނެގުން ހިމެނެއެވެ.

މީގެ އިތުރުން އާއިލީ ހަވީރަކާއި، ތިނަދޫގެ ކުރީގެ މަންޒަރުތައް ފެންނަ ފޮޓޯ މައުރަޒަކާއި، ސަގާފީ ޝޯއެއްގެ އިތުރުން ތިނަދޫއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ޝަރަފުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުމަށް ބާއްވާ ހާއްސަ ޖަލްސާއެއް ވެސް އޮންނާނެއެވެ.

މީގެ އިތުރުން، ތިނަދޫގެ ތާރީހީ ކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، އެ ރަށާ ކައިރީގައި އޮންނަ ފަޅު ރަށަކަށް ފަތާފައި ދިއުން ފަދަ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު ފާހަގަކުރަނީ 1962 ވަނަ އަހަރު ތިނަދޫއިން މީހުން ބޭލުމަށްފަހު، އަލުން އެ ރަށުގައި މީހުން އާބާދުވިތާ 60 އަހަރު ފުރުމެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، 1962 ވަނަ އަހަރުގެ ސުވަދީބް ބަގާވާތާ ގުޅިގެން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ވަނީ ތިނަދޫއިން މީހުން ބާލުވާފައެވެ.

އެ ހާދިސާގައި ލާއިންސާނީ އަމަލުތަކެއް ހިނގައި، ގިނަ ބަޔަކު މަރުވި ކަމަށް ބުނެވެއެވެ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވީ އޭގެ ހަތަރު އަހަރު ފަހުން 1966 ގައެވެ.

comment ކޮމެންޓް