ވަގަށް ރާއްޖެއަށް އެތެރެކުރުމުން ދައުލަތަށް ނަގާފައިވާ ދެ ކިލޯގެ ރަން، އަލުން އަނބުރާ ހަވާލުކޮށް، އެ މައްސަލައިގައި ޖަލަށްލާފައި ހުރި ލަންކާ މީހަކު މިނިވަންކޮށްދޭން، އޭނާގެ ފަރާތުން ހައިކޯޓުގައި އެދެފިއެވެ.
މިއީ، 2023 ވަނަ އަހަރު ދުބާއީއިން ރާއްޖޭގެ މަގުން ލަންކާއަށް ދަތުރު ކުރި، ލަންކާ މީހަކު ގެންދިޔަ ރަން ދައުލަތަށް ނެގި މައްސަލައެވެ. މި މައްސަލައިގައި ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސުލައިމްހާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް މި މައްސަލައިގައި އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި ދައުލަތަށް، އެ ރަންތައް ނަގަން އެ ދުވަހު ހުކުމް ކުރިއެވެ.
އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ، މި ލަންކާ މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މައިގަނޑު ފަސް ކަމެއް ފާހަގަ ކުރިއެވެ.
އެއީ، އެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް އިއްވިއިރު، ކުށުގެ އުންސުރު ފުރިހަމަ ނުވާ ދައުވާއެއް ކުރި ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓާފައި ނުވުމުގެ އިތުރުން، ރާއްޖޭގައި ރަން، ރިފައިން ކުރެވޭނެ ގޮތެއް ނެތް އިރުވެސް އެއީ ވަކި އެއްޗެއް ކަމަށް ނިންމުމެވެ.
އަދި އޭގެ އިތުރުން އެ މީހާގެ އެއްވެސް ކުށުގެ ރެކޯޑެއް ކުރިން ނެތްއިރު، އެ ނޫން ގޮތަކަށް ކަނޑައަޅައިފައި އޮތުމާއި މި ފަދަ މައްސަލަތަކުގައި ހިފަހައްޓާ މީހުންނާ އެ މީހާއާމެދު ތަފާތުކޮށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި މައްސަލައިގެ ޝަރިއަތް ހައިކޯޓުގައި ފެށުނީ، އެ ލަންކާ މީހާގެ ވަކީލުގެ އިތުރުން ތަރުޖަމާނެއްވެސް ހިމެނޭ ގޮތުންނެވެ. އާދިއްތަ ދުވަހު، މި މައްސަލައިގެ އަޑު އެހުންތައް ފެށުމަށް ފަހު، އިތުރު އަޑު އެހުމެއް ފަހުން ބާއްވާނެ ކަމަށް މައްސަލަ ބަލާ ބެންޗުންވަނީ އިއުލާންކޮށްފައެވެ.
މި މައްސަލަ އިސްތިއުނާފު ކުރި ލަންކާ މީހާގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އޭނާ މިނިވަން ކުރުމަށާއި، އޭނާ އަތުން އަތުލި ރަން ހަތް ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށް އަމުރުކޮށްދިނުމަށެވެ.