އެސްއެސްޓީވީގެ ދުވަސް ފަށާ ޕްރޮގްރާމް 'ސައިގަޑި'ގެ އޮފިޝަލް ފިޓްނަސް ޕާޓްނަރުގެ ގޮތުގައި ރިވައިވް ފިޓްނަސް ހަމަޖައްސައިފިއެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާއާއި ރިވައިވް ފިޓްނަސްއިން ސޮއިކުރީ އެކަމަށްޓަކައި ސަން ސިޔާމް މީޑިއާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޢާޞިފެވެ. އަދި ރިވައިވް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ނާސިޙާ އިބްރާހީމެވެ.
ސަން ސިޔާމް މީޑިއާއިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، 'ސައިގަޑި' ޕްރޮގްރާމުގައި ފިޓްނަސްއަށް ޚާއްސަ ސެގްމަންޓެއް ގެނެސްދޭނެއެވެ. މި ސެގްމަންޓުގެ މަގުސަދަކީ 'ސައިގަޑި' ބަލާ މީހުން ގޭގައި ތިބެ، ޕާސަނަލް ޓްރެއިނިން ސްޓައިލް ސެޝަންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް، ސަން ސިޔާމް މީޑިއާއިން ބުންޏެވެ.

'ސައިގަޑި'ގެ ފިޓްނަސް ޕާޓްނަރުގެ ގޮތުގައި ރިވައިވް ފިޓްނަސްއާއެކު ވެވޭ އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ސީއީއޯ މުޙައްމަދު ޢާޞިފާއި ރިވައިވް ފިޓްނަސްގެ ޖެނެރަލް މެނޭޖަރު ނާސިޙާ އިބްރާހީމް ސޮއިކުރައްވަނީ --- ސަން ފޮޓޯ: މުޙައްމަދު ޝާތިޢު ޢަބްދުالله
ސަން ސިޔާމް މީޑިއާއާއި ރިވައިވް ފިޓްނަސްއާ ދެމެދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން ސަން ސިޔާމް މީޑިއާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޢަބްދުالله ފައިޞަލް ވިދާޅުވީ، މި ސެގްމަންޓުގެ މަގުސަދަކީ ގިނަ މީހުން ދުޅަހެޔޮކަންމަތީ ތިބުމަށް ފުރުސަތު ފަހިކޮށްދީ، 'ސައިގަޑި' ޕްރޮގްރާމް ބަލާ މީހުން ޝައުގުވެރިކުރުވުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ 'ސައިގަޑި'އަކީ މީހުން ބަލާ ޕްރޮގްރާމަކަށް ހެދުމުގެ އިތުރުން، މީހުންގެ ދިރިއުޅުމުގެ ބަޔަކަށް ހެދުމަށް. ރިވައިވް ފިޓްނަސްއާ އެކީ މިއަދު ސޮއިކުރި އެއްބަސްވުމާއެކު އަޅުގަނޑުމެންނަށް މި ގެނެސްދެވެނީ ޕްރޮފެޝަނަލް ފިޓްނަސް ގޭގެ ސިޓިން ރޫމްތަކަށް. ޚާއްސަކޮށް ޖިމްތަކަށް ދާން އުނދަގޫ ރަށްރަށުގައި ތިބޭ މީހުންނަށް، މި ޕާޓްނާޝިޕްގެ ސަބަބުން ބެލުންތެރިން ދުޅަހެޔޮ ވައްޓަފާޅިއެއް އުޅުމަށް ހިތްވަރު ދެވިގެން ދާނެ،" ފައިޞަލް ވިދާޅުވިއެވެ.
ރިވައިވް ފިޓްނަސްގެ ގްރޫޕް ފިޓްނަސް މެނޭޖަރު ޢާއިޝަތު މަލްޝާ މުޙައްމަދު ވިދާޅުވީ، ސަން ސިޔާމް މީޑިއާ އާ އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި އުޅުމަށްޓަކައި ބޭނުންވާ އެހީތެރިކަން ގިނަ ބަޔަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
"ރިވައިވް ފިޓްނަސް އިން އަޅުގަނޑުމެން ގަބޫލުކުރަނީ ދުޅަހެޔޮކަމަކީ ކޮންމެ ތަނެއްގައި އުޅުނު ކަމަށް ވިޔަސް އެންމެންނަށް ހަމަހަމަކަމާއެކީ ލިބެން ޖެހޭނެ އެއްޗެއް ކަން، 'ސައިގަޑި'އާ އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން މި ލިބެނީ ޕްރޮފެޝަނަލް ފިޓްނަސް ދިވެހީންގެ ގޭގެއަށް ގެނެސްދިނުމަށް ރަނުގެ ފުރުސަތެއް، ސެގްމަންޓުތައް ފަރުމާކޮށްފައި ހުންނަނީ ބެލުންތެރިންނަށް ސަލާމަތާއި ރައްކާތެރިކަމާއެކީ ކަސްރަތުތައް ކުރެވޭނެ ގޮތަށް،" މަލްޝާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ސެގްމަންޓުތަކުގެ ސަބަބުން ދުޅަހެޔޮކަންމަތީ ހުރުމަށް ބެލުންތެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުން އެކަންޏެއްނޫން، އޭގެ އިތުރުން ދުޅަހެޔޮ ސިއްހީ ވައްޓަފާޅިއަކަށް މަގުފަހިކޮށްދީ ހިތްވަރު ދިނުން،" އިތުރަށް އޭނާ ވިދާޅުވިއެވެ.
މި ޕާޓްނާޝިޕަކީ 'ސައިގަޑި' ޕްރޮގްރާމް މެދުވެރިކޮށް ބެލުންތެރިންނަށް ޝައުގުވެރި ކޮންޓެންޓް ގެނެސްދިނުމާއެކު ދުޅަހެޔޮ އަދި ހަށިހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް، ސަން ސިޔާމް މީޑިއާއާއި ރިވައިވް ފިޓްނަސް އިން ބުންޏެވެ.