މަސާޖުޕާލާގެ ސިލްސިލާއަށް ހައްލެއްނުހޯދޭ

"ބިއުޓީ ޕާލާ" އާއި "މަސާޖުގެ ހިދުމަތު"ގެ ބޯޑުގެ ނިވަލުގައި ފާހިސް އަމަލުތައް ހިންގާ އެތައް ތަނެއް މާލޭގައި އެބަހުއްޓެވެ. އެކަން އާންމުވީ އިރު ވެސް އަޅާ ނުލައި ދޫކޮށްލައިގެން އެ މައްސަލައިގައި ތިބުމުން ކަން އޮތީ ބޮއްސުންލައިފި އެވެ. މިފަހުން ފުލުހުން އެތައް މަސާޖު ޕާލާއެއް ރެއިޑްކޮށް ބޮޑުތަޅު އެޅުވި އެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ދައްކާގޮތުން ހަށިވިއްކަމުން ދިޔަ 25 މަސާޖްޕާލާއެއް މި އަހަރު ތެރޭގައި ފުލުހުން ބަންދުކުރި އެވެ. އަދި އެ ތަންތަނުން 98 މީހަކު ހައްޔަރުކޮށްފައިވާ އިރު، އެކަމާ ގުޅުން ހުރި 58 ބިދޭސީއަކު ވެސް ވަނީ ޑީޕޯޓްކޮށްފަ އެވެ.

ނަމަވެސް މައްސަލައިގެ ހައްލަކީ އެއީތޯ ސުވާލުއުފެއްދިދާނެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ދިމާވި ރައްޓެއްސެކެވެ. މަސާޖު ޕާލާ ބަންދުކުރާތީ ފުލުހުންނަށް ތައުރީފުކޮށް އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ސުވާލުއުފެއްދީ އޭނާ އެވެ. އާންމުކޮށް ވެސް މަސާޖުޕާލާތަކަށް ގޮސްވެސް އުޅޭ ރަހުމަތްތެރިޔާ ބުނީ މިފަހުން ރެއިޑްކުރި މަސާޖު ޕާލާއަކުން ހައްޔަރު ކުރި ލަންކާ އަންހެން ކުއްޖަކު އެހެން މާސާޖު ޕާލާއަކަށް ބައްދަލުވެ އޭނާއާ ގުޅުން ބަދަހި ކުރި ވާހަކަ އެވެ.

ހަގީގަތްއޮތީ އެހެންނެވެ. ފުލުހުން އެތައް އަންހެނުންނެއް މަސާޖު ޕާލާތަކުން ހައްޔަރުކުރާ އިރު އެއްބަޔަކު ޑީޕޯޓް ކުރެ އެވެ. ސާބިތު ހެކި ނުފެނިގެން އަނެއް ބަޔަކު ދޫވެސް ކޮށްލަން ޖެހެ އެވެ. ނޫނީ މަސާޖު ހާނާތައް ބަންދުކުރާކަމުގެ އިންޒާރާ އެކު ވިޔަފާރީގެ ވެރިން އެ ވިޔަފާރީގެ ބައްޓަން އެހެން ގޮތަކަށް ބަދަލުކޮށްލަނީ އެވެ. ސުވާލު އުފައްދަން ޖެހޭ ޕޮއިންޓަކީމި އެވެ.

ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވި ގޮތުން ރާއްޖެ އިން ބޭރުގެ އަންހެނުން ރާއްޖޭގައި ހަށިވިއްކުމުގެ އަމަލުތައް ހިންގާކަމުގައި ވިޔަސް، އެކަމުގެ އަޑީގައި އިސްކޮށް ތިބެނީ ދިވެހީންނެވެ. އެކަން ހުއްޓުވެން އަންނަނީ އެބަޔަކު ހޯދައި އެ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވާ ގޮތުން އެފަދަ ތަންތަނުން އަތުލައިގަންނަ ބިދޭސީ އަންހެނުން ޑީޕޯޓް ކުރުމަކީ ހައްލެއް ނޫނެވެ. ސަބަބަކަށް ވަނީ ޑީޕޯޓުކުރާ މީހުން އޮޅުވާލައިގެން އެހެން ނަންނަމުގައި ދެވަނަ ފަހަރަށް ރާއްޖެ އައިސް އެފަދަ އަމަލުތައް ތަކުރާރުކުރަމުންދާތީ އެވެ. އެހެންކަމުން ބިދޭސީ އަންހެނުން ޑީޕޯޓް ކުރުމުގެ ބަދަލުގައި އެ މީހުންނަށް ވެސް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"މީގެ އަޑީގައި ހުންނާނީ ދިވެއްސެއްކަން ޔަގީން. އޭނަ އާއި ދޭތެރޭގައި ހުކުމެއް ނޫނިއްޔާ ފިޔަވަޅެއް އެޅިކަން ފުލުހުންގެ ތަހުގީގަކުން އަދި އެނގޭކަށް ނެތް. މީހުން ޑީޕޯޓް ކޮށްލުން މީއީ ހައްލެއް ނޫން. ޑީޕޯޓް ކޮށްލީމަ އެހެން ނަންނަމުގައި އެބައާދޭ. ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާ އަދަބު ދޭން ޖެހޭ މިފަދަ މީހުންނަށް،" އާސިފް ވިދާޅުވި އެވެ.

ގާނޫނީ ފިޔަވަޅެއް ނޭޅުމަކީ މަސާޖުޕާލާތައް ހިންގުމަށް ލިބޭ ގެރެންޓީއަކަށް ވެދާނެ އެވެ. އެއްދުވަހު ހައްޔަރުކޮށް އަނެއް ދުވަހު އަނެއް ދޮރުން ނިކުމެވޭނެ ކަމުގެ ޔަގީންކަން އޮންނަ ނަމަ ޖެހިލުންވާންވީ ސަބަބެއް ނެތެވެ. މި ހަފްތާ ޑީޕޯޓް ކޮށްލުމުން އަންނަ މަހު ރާއްޖެ އާދެވޭ ނަމަ އެކަމުގައި ބިރު ގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ.

އާސިފް ވިދާޅުވީ ހަށިވިއްކުމުގެ އަމަލު ހިންގާ ތަންތަން ބަންދުކުރަން ފެށުމުން އެ އަމަލު ހިންގުމަށް އެހެން ގޮތްތަކެއް އެމީހުން ހޯދަ އެވެ. އަދި ކިތަންމެ ގިނައިން ތަންތަން ބަންދުކުރި ނަމަވެސް މިކަން ނުހުއްޓުވޭނެ ކަމަށާއި މިކަންކަން ހުއްޓުވޭނީ މިކަން ރާވާ ހިންގުމުގެ އަޑީގައި ތިބި މީހުންނަށް ބޮޑެތި އަދަބުތައް ދީގެން ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ. އެކަމަށް އަޅަން ރަނގަޅު ފިޔަވަޅުތަކެއް ވެސް އާންމު ކުރެއްވި އެވެ. އެއީ ބްރޯކަރުންނާއި އަންހެނުންނަށް އެފަދަ ކަންތައްތައް ކުރުމަށް ހިތްވަރުދޭ ފަރާތްތަކަށް އަދަބު ކަނޑައެޅުމެވެ. އަދި އެފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ މުދާ ސަރުކާރަށް ނެގުން ފަދަ ފިޔަވަޅުތައް އެޅުމަކީ ހައްލެއް ކަމަށް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"އަނެއްކާ މިހާރު މިހެން ހަދަން ފެށީމަ އަންހެން ކުދިން މިހާރު މިދަނީ ރޫމަށް. ދިވެހި ފިރިހެނުން މިގެންދަނީ ރޫމަށް ޕްރައިވެޓް ކޮޓަރިތަކަށް. މިހާރު ލޮކޭޝަން ތަފާތުވީ. މިހާރު މިދާގޮތަކުން މިކަމުގައި އެއްވެސް ހައްލެއް ނެތް. މި މީހުން މިކަން ކުރާ އުސޫލާއި، ގޮތްގަނޑު މި ބަދަލުކޮށްލީ. އަނެއްކާ މިކަމުގެ އަޑީގަ ތިބި ބްރޯކަރުންނާއި މިކަމުގަ އަޑީގައި ތިބި، އަންހެނުންނާއި ފިރިހެނުން ޖާމިނު ކުރުވާ މީހުންނަށް އަދަބު ކަނޑައެޅެންޖެހޭ. އަދި އެފަދަ ތަންތަން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިގެން، ނޫނީ އެތަންތަނާ އެމީހުންގެ މުދާ ސަރުކާރަށް ނެގި މިކަހަލަ އުގޫބާތްތަކެއް ކަނޑައެޅި، އެކަން މީޑިއާ މެދުވެރިކޮށް ޕަބްލިޝް ނުކުރެވިއްޖިއްޔާ މިކަމަކަށް ދާއިމީ ހައްލެއް ނާންނާނެ،" އާސިފް ވިދާޅުވި އެވެ.

މަސާޖުޕާލާތައް އޮޕަރޭޓް ކުރުމުގެ މުލުގައި ސިޔާސީ ފަރާތްތަކާއި ނަން މަޝްހޫރު އެތައް ބަޔަކު ތިބޭކަމީ ވެސް ޝައްކުކުރެވޭ ކަންކަމެވެ. މާލޭގެ ނަން މަޝްހޫރުއެތައް އިމާރާތެއްގައި އެފަދަ އަމަލުތައް ހިންގާއިރު ގޭގެ ވެރިފަރާތަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭކަމަށް ގަބޫލުކުރަން އެހާ ފަސޭހަ ނޫނެވެ. މަސައްކަތެއް ނުކޮށް ހުއްޓަސް ހަތް ބުރިއަށް ގެ އިމާރާތްކޮށް އެންމެ ފަހުގެ ފޯނާއި ބެންޒް ކާރު ގެންގުޅޭއިރު އެކަމާ ގުޅުމެއް ނޯންނަކަމަށް ބުނަން ވަރަށް ވެސް ދައްޗެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި ފުލުހުން މިހާރު މަސާޖު ޕާލާތައް ބަންދުކުރާގޮތުން އެއީ މިކަން ހުއްޓުވަން ކުރެވޭ ކަމެއްކަމަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ. އޭގެ މޫ ދުއްވާލުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.

"ފުލުހުން ދެއްކުންތެރިކަމަށް ޓަކައި ކުރާކަމެއް. ހަގީގަތުގައި ރައްޔިތުންނަށް އިޚުލާސްތެރި ވާނަމަ އެހެންނެއް ނޫން އެކަން ކުރާނީ. އެބުނާ މާނައިގައި މަސާޖުޕާލާތައް ބަންދުކުރެވޭ ނަމަ މިއަދު އެކަނިވެސް ކުރެވޭނެ. އެ ބޭފުޅުންނަށް މި މާލޭގައި ހުރި ހުރިހާ މަސާޖުޕާލާއެއް އެއްރެ އިން ބަންދު ކުރެވޭނެ. އެހާ ގާބިލް ކަން ފުލުހުންގެ މުއައްސަސާގައި ހުންނާނެ،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާއެހެން ވިދާޅުވި ނަމަވެސް މައްސަލައިގައި އެއްބަޔަކަށް އިނގިލި ދިއްކޮށްފައި ނިންމާލެވޭކަށްނެތެވެ. އެތައް ބަޔަކު ޝާމިލްވާ ބޮޑު މި ވިޔަފާރީގެ މޫދަށް ހުރީ އެކި ދިމަދިމާލަށް ފެތުރިފަ އެވެ. މަސާޖުކުރުމުގެ ނަމުގައި ފާހިސް އަމަލުތަކުގެ ވިޔަފާރިން އެއްބަޔަކު ވަރަށް ރަނގަޅަށް ފައިދާ ހޯދާއިރު އެ މީހުން ވަނީ އެ ވިޔަފާރީގެ ގޮތްތައް ވެސް ފުޅާކޮށް މުޅިން އައު ދިމަދިމާ ހޯދައިފަ އެވެ. ނަމަވެސް ހައްލަކީ އެ މައްސަލަ ދާއިމީ ހައްލެއް ހޯދުމެވެ. އެއީ އަދި ނުކުރެވި އޮތް ކަންތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް