އެސްއެމްއީ ޑިޖިޓަލްގެ ކޮންވެންޝަނަލް ލޯނުތައް ރީފައިނޭންސްކުރަން އޯޕަން ޑޭއެއް ބާއްވަނީ

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށް ނިންމައިފިއެވެ.

އެ ކަަމަށްޓަކައި، ޚާއްސަ އޯޕަންޑޭއެއް އަންނަ ހޮނިހިރު ދުވަހު ހެނދުނު 09:00އިން 16:00އަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ، މި އޯޕަންޑޭގެ މައިގަނޑު މަގުސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

މިގޮތުން، އެ ކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވާފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، އޮފާ ގަބޫލުކުރާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާލެވޭނެއެވެ.

ރީފައިނޭންސް ކުރަންދާއިރު، އައިޑީ ކާޑު ގެނައުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ހަނދާންކޮށްދީފައެވެ.

އިސްލާމިކް ފައިނޭންސްއަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލްއަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ގޮތުގައި އެސްއެމްއީ ޑިޖިޓަލްއިން ސިފަކުރެއެވެ.

comment ކޮމެންޓް