އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް، "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ލޯނު އިފުތިތާހުކޮށްފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ، އެއީ އެ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިނގަމުންގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕު)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރު ކަމަށެވެ.
އެ ދެ ސްކީމް ހިންގަނީ އެސްއެމްއީ ޑިޖިޓަލާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެ ސްކީމްގެ މަގުސަދަކީ މިނިސްޓްރީން ބުނި ގޮތުގައި، ޒުވާނުން ދަނޑުވެރިކަމަށް ހުންނަ ޝައުގުވެރިކަން އިތުރުކޮށް ރާއްޖޭގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.
މިނިސްޓްރީން ބުނީ، އޭގެ ތެރެއިން "ދަނޑުވެރި މަންފާ" ގްރާންޓް އަމާޒުކޮށްފައި ވަނީ ތިލަދުންމައްޗާއި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި ފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.
އެ ގްރާންޓުގެ ދެވަނަ ބުރު ވެސް ހުޅުވައިލައިފައި ވަނީ މިނިސްޓްރީން ބުނި ގޮތުގައި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް ބޭނުންކޮށް، ހައިޑްރޮޕޯނިކްސް ފަދަ މީޑިއަމެއް ގާއިމްކޮށްގެން ދަނޑުވެރިކަންކުރުމެވެ.
އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އެ ސްކީމަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ދަނޑުވެރި ނަފާ" ލޯނުގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަންތަން ގާއިމުކުރުމަށް ދަނޑުވެރިންނަށް މަގުފަހިކޮށްދިނުން ކަމަށް ވެސް، އެގްރިކަލްޗާ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓްރީން ބުނީ އެ ސްކީމްގެ ދަށުން، ވެޓް ޚިދުމަތްތަކާއި ޕެޓް ސަޕްލައިކުރުން ފަދަ މަސައްކަތްތަކަށް ވެސް ފައިސާ ދޫކުރާނެ ކަމަށެވެ.