ސިޓީ ކައުންސިލްގެ ކޮމިއުނިޓީ ޔުނިޓަށް އެންމެ ގިނައިން ބަލަން ޖެހުނީ ކުނި އެޅުމުގެ މައްސަލަތައް

މާލޭގެ މަގެއް މައްޗަށް ކުނި އަޅައިފައި: ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން އެންމެ ގިނައިން ބެލީ ކުނި އެޅުމުގެ މައްސަލަތައް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ އާންމު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ، މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހަފުތާއެއް ތެރޭ އެންމެ ގިނައިން ބަލައިފައިވަނީ، އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން މިދިޔަ މަހުގެ 26އާއި މި މަހުގެ އެއްވަނަ ދުވަހާ ދޭތެރޭ 321 މައްސަލައެއް ބަލައިފައިވެއެވެ. އޭގެ ތެރެއިން 96 މައްސަލައެއް ބަލައި ނިމިފައިވާއިރު، 225 މައްސަލައެއް އިތުރަށް ބަލަން ވަނީ ނިންމައިފައެވެ.

އެ ޔުނިޓުން ބެލި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއްގައި ނަސޭހަތް ދީފައިވާއިރު، ފަސް ފަހަރެއްގައި ޖޫރިމަނާކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ކޮމިއުނިޓީ ޔުނިޓުން އެންމެ ގިނައިން ބެލި މައްސަލަތަކަކީ، މަގުތަކާއި ގޯޅިތަކާއި ހުސް ބިމާއި ފަޅު ތެރެއަށް ކުނި އެޅުމުގެ މައްސަލަތަކެވެ. އެފަދަ 256 މައްސަލައެއް ބަލައިފައިވެއެވެ. ދެން އެންމެ ގިނައިން ބަލައިފައިވަނީ:

  • ފުރާޅު، ދިޔަދޮވި، އަދި އޭސީ އައުޓްޑޯ ޔުނިޓުތަކުން މަގުތަކަށް ފެން ފޭބުން - 15 މައްސަލަ
  • މަގުމަތީގެ ނިޝާންތަކާއި ސައިންބޯޑުތައް ފަނޑުވުމާއި ޓްރެފިކް ލައިޓްތަކާއި މަގުމަތީގެ ލައިޓްތައް ހަލާކުވުން - 15 މައްސަލަ
  • މަގުމަތީގެ ނިޝާންތަކާއި ސައިންބޯޑުތައް ފަނޑުވުމާއި ޓްރެފިކް ލައިޓްތަކާއި މަގުމަތީގެ ލައިޓްތައް ހަލާކުވުން - 15 މައްސަލަ
  • މަގުގެ ޕޭމަންޓް، ކާނު، މަގުގެ ގައުތައް ނުވަތަ ތާރުތައް ނެއްޓި ހަލާކުވެފައި ހުރުން - 12 މައްސަލަ

މީގެ އިތުރުން ގަވައިދާ ޚިލާފަށް މަގުމަތީގައި ވިޔަފާރި ކުރުމުގެ 11 މައްސަލައެއް އެ ޔުނިޓަށް ފާހަގަވެފައިވެއެވެ. އަދި އާންމު ޕާކުތަކާއި މިސްކިތްތަކުގައި ނިދުމުގެ ތިން މައްސަލައެއް ބަލައިފައިވާއިރު، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް އެ ޔުނިޓުން ކޮށްފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓަކީ، މެއި 14، 2023ގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އުފައްދަވައިފައިވާ ޔުނިޓެކެވެ. އެ މަނިކުފާނު އޭރު ވިދާޅުވި ގޮތުގައި، އެ ޔުނިޓުގެ އޮފިސަރުން މަސައްކަތް ކުރާނީ މާލޭ ސިޓީއަކީ ސާފުތާހިރު އަދި ތަރުތީބުން ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމަށެވެ.

ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ އޮފިސަރެއް: އެ ޔުނިޓުން އެންމެ ގިނައިން ބެލީ ކުނި އެޅުމުގެ މައްސަލަތައް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

އެ ޔުނިޓްގެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތަކުގެ ތެރޭގައި މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި، ޕެލެޓް ބެހެއްޓުމާއި، މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާތޯ ބެލުން ހިމެނެއެވެ. އަދި ޕާކް ކުރުމުގެ މައްސަލަތަކާއި، ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން ވެސް އެ ޔުނިޓާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ޔުނިޓުގެ މަސައްކަތްތައް ފެށީ 18 އަންހެނުންނާއި 60 ފިރިހެނުން ހިމެނޭ ގޮތަށް 78 މީހުންނާ އެކުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގައި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި، މަގުމައްޗަށް ކުނި އަޅާ މީހުންގެ މައުލޫމާތު ހާމަކުރުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި މަގުމައްޗަށް ކުނި އަޅާ މީހުންގެ ވީޑިއޯ އާންމުކުރުމާއި ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅުތައް ކައުންސިލުން އަޅައެވެ.

comment ކޮމެންޓް