ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް 7،400 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށާއި އަދިވެސް އެ މީހުން ފެނިފައިނުވާ ކަމަށް، އެމްއެންޑީއެފުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތ. މަޑިފުށިން ފުރައިގެން ދިޔަ ސަޕްލައި ދޯންޏެއް ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ދިޔަ ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައެވެ.
މި ހާދިސާ ހިނގިއިރު "ފްރެންޑް 4" ނަމަކަށް ކިޔާ އެ ސަޕްލައި ދޯނީގައި ދިހަ މީހަކު ތިއްބެވެ، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
އެކަމަކު މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
އެއީ އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި 33 އަހަރުގެ ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކައްޕި ކަމަށްވާ އުމުރުން 35 އަހަރުގެ މުޙައްމަދު ހަމްދޫނެވެ.
އަދާހަމަ:
— Maldives National Defence Force (@MNDF_Official) August 8, 2026
ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފަ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ. pic.twitter.com/N9rTBMETA1
އެމްއެންޑީއެފުން މިރޭ ބުނީ، އެ ތިން މީހުން ހޯދުމަށް 7،482.10 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. އެއީ ވައިގެ މަގުން 6،112 ނޯޓިކަލް މޭލާއި ކަނޑުމަގުން 1،370.10 ނޯޓިކަލް މޭލެވެ.
މިރޭގެ ނިޔަލަށް އަދިވެސް އެ މީހުން ފެނިފައިނުވާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.
އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އެއާ ކޯގެ ޑްރޯނާއި އާއި ކޯސްޓް ގާޑުގެ އުޅަނދުފަހަރުގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓެއް ވެސް ބޭނުންކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެ މީހުން ގެއްލުމާއެކު މުޅި ސޯޝަލް މީޑިއާގައި ވަނީ އެ މީހުންނަށް ހެޔޮ ދުއާތަކުން ފުރައިލައިފައެވެ. އެންމެން އަންނަނީ ތިން މީހުން ވެސް ސަލާމަތުން ފެންނާނެ ކަމަށް ދުއާ ކުރަމުންނެވެ.