ނުރަވުމަކީ ބައެއް ވިޓަމިންތައް މަދުވުމުގެ ނިޝާނަކަށް ވެދާނެ

ބޮލުން ނުރަ އިސްތަށި ފެނުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުމެއް--ފޮޓޯ/އިންސްޓަގްރާމް

ބޮލުގައި ނުރަ ޖެހުމަކީ އުމުރުން ދުވަސްވުމުން ނުވަތަ ޒުވާން އުމުރުގައި ވެސް ދިމާވެދާ މައްސަލައެކެވެ. ބޮލުން ނުރަ އިސްތަށި ފެނުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެކަމާ ކަންބޮޑުވާ ކަމެކެވެ.

އާންމުގޮތެއްގައި ނުރަވަނީ އުމުރުން ދުވަސްވުމުން ނުވަތަ ވާރުތަވާ ގޮތުން ކަމަށް ވިޔަސް، ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކެއް މަދުވުމުން މިކަން އަވަސްވާކަން ދިރާސާތަކުން ދައްކައެވެ.

ދެހާސްބާވީސް ވަނަ އަހަރު އިންޓަނޭޝަނަލް ޖާނަލް އޮފް ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، ޅައުމުރުގައި ނުރަވާ މީހުންގެ ހަށިގަނޑުގައި ވިޓަމިން ބީ12، ޒިންކް، މެގްނީޒިއަމް އަދި ކޮޕާ ހުންނަ މިންވަރު އާންމު މިންވަރަށްވުރެ ބޮޑުތަނުން މަދެވެ.

މި މާއްދާތަކަކީ އިސްތަށިގަނޑުގެ ގުދުރަތީ ކުލަ ދަމަހައްޓައިދޭ 'މެލަނިން' އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ. މި ވިޓަމިންތައް މަދުވުމުން 'މެލަނޯސައިޓްސް' (ކުލަ އުފައްދާ ސެލްތައް) މަސައްކަތްކުރާ މިންވަރު ދަށްވެ، އުއްމީދުކުރާ ވަރަށްވުރެ މާ އަވަހަށް ނުރަވާން މެދުވެރިވެއެވެ.

އުމުރުން ދުވަސްވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންތައް މަދުވުމަކީ ޅައުމުރުގައި ނުރަވުމަށް ދިމާވާ އެއް ސަބަބު--ފޮޓޯ/އިންސްޓަގްރާމް

ނުރަވުން މުޅިން ހުއްޓުވޭނެ ކަށަވަރު ގޮތެއް ނެތް ނަމަވެސް، ހަށިގަނޑަށް ބޭނުންވާ ވިޓަމިންތައް ހަމައަށް ހޯދައިދިނުމަކީ ނުރަވުން ލަސްކޮށްދީ، އިސްތަށިގަނޑުގެ އަސްލު ކުލަ ގިނަ ދުވަހު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އިސްތަށިގަނޑު ނުރަވަނީ އިސްތަށީގެ ބުޑުތަކުގައި މެލަނިން އުފައްދާ މިންވަރު ދަށްވުމުންނެވެ. އުމުރުން ދުވަސްވުމުގެ އިތުރުން ވިޓަމިން ބީ12، ބީ5 އަދި ޑީ ފަދަ ވިޓަމިންތައް މަދުވުމަކީ ޅައުމުރުގައި ނުރަވުމަށް ދިމާވާ ސަބަބެކެވެ. މި ވިޓަމިންތަކަކީ މެލަނޯސައިޓްސްތައް ރަނގަޅަށް މަސައްކަތް ކުރުމަށް މުހިންމު އެއްޗެކެވެ.

ވިޓަމިން ބީ12 އަކީ 'ޑީއެންއޭ' އުފެއްދުމަށާއި ލޭގައި އެކުލެވޭ ރަތް ސެލްތައް އުފެއްދުމަށް ކޮންމެހެން ބޭނުންވާ ވިޓަމިނެކެވެ. ވިޓަމިން ބީ12 މަދުވުމުން މެލަނޯސައިޓްސްތަކަށް އެންމެ ފުރިހަމައަށް މަސައްކަތެއް ނުކުރެވޭނެއެވެ. ބިހާއި، ކިރުގެ ބާވަތްތަކާއި، ގޮދަނުގެ ބާވަތްތައް ބޭނުންކުރުމަކީ ހަށިގަނޑުގައި ބީ12ގެ މިންވަރު ހަމައަކަށް އަޅުވައިދޭނެ ކަމެކެވެ.

ވިޓަމިން ޑީ އަކީ އިސްތަށީގެ ބުޑުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިން ޑީ މަދުވުމަކީ ޅައުމުރުގައި ނުރަވުމާ ގުޅުންހުރި ކަމެކެވެ. އަވީގައި އުޅުމާއި، ފެޓީ ފިޝް (ތެޔޮ މަސް)، ކިރު އަދި ބިހުގެ ރީނދޫބައި ކެއުމުގައި ހިމެނުމުން ވިޓަމިން ޑީ ލިބޭނެއެވެ.

ދުޅަހެޔޮ އިސްތަށިގަނޑަކަށް ބޭނުންވާ ވިޓަމިންތައް އިތުރުކުރެވިދާނެ ގޮތްތަކުގެތެރޭ، ވިޓަމިން ގިނަ ކާނާ ބޭނުންކުރުން، ސަޕްލިމެންޓް ބޭނުންކުރުން އަދި އަވީގައި އުޅުން ހިމެނޭ--ފޮޓޯ/ޕިންޓްރެސްޓް

ބަޔޮޓިން ނުވަތަ ވިޓަމިން ބީ7 އަކީ އިސްތަށިގަނޑު ހެދިބޮޑުވުމަށާއި ވަރުގަދަކުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ. ބަޔޮޓިން މަދުވުމަކީ ވަރަށް މަދުން ދިމާވާ ކަމެއް ނަމަވެސް، މީގެ ސަބަބުން އިސްތަށި ފޭބުމާއި ނުރަވުން މެދުވެރިވެދާނެއެވެ. ނަޓްސް، އޮށް، ގޮދަން، ބިސް، ތަރުކާރީ އަދި ފަތުގެ ބާވަތްތަކަކީ ބަޔޮޓިން ލިބޭ ރަނގަޅު ވަސީލަތްތަކެވެ.

ޕެންޓޮތެނިކް އެސިޑަކީ ލޭގެ ރަތް ސެލް އުފެއްދުމަށާއި އިސްތަށީގެ ބުޑުތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މި މާއްދާ މަދުވުމުން ނުރަވުން އަވަސްވެއެވެ. ބިހާއި، އެވަކާޑޯ އަދި އެކި ބާވަތްތަކުގެ ތޮޅިއަކީ ވިޓަމިން ބީ5އިން މުއްސަނދި ކާނާއެވެ.

ކޮޕާ އަކީ މެލަނިން އުފެއްދުމުގައި ސީދާ ބައިވެރިވާ މާއްދާއެކެވެ. ޒިންކުން އިސްތަށިގަނޑު ހެދިބޮޑުވުމަށާއި މަރާމާތުކުރުމަށް އެހީތެރިވެދޭއިރު، އަޔަން (ދަގަނޑު)އިން އިސްތަށީގެ ބުޑުތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ. ނުރަވާ މީހުންގެ ހަށިގަނޑުގައި މި މިނަރަލްތައް މަދުކަން ފާހަގަކުރެވެއެވެ.

ދުޅަހެޔޮ އިސްތަށިގަނޑަކަށް ބޭނުންވާ ވިޓަމިންތައް އިތުރުކުރެވިދާނެ ގޮތްތަކުގެތެރޭ، ވިޓަމިން ގިނަ ކާނާ ބޭނުންކުރުން، ސަޕްލިމެންޓް ބޭނުންކުރުން، އަވީގައި އުޅުން، ނަފްސާނީ ދުޅަހެޔޮކަން އަދި ގަވާއިދުން ސިއްހީ ޗެކަޕް ހެދުމަށް އިސްކަންދިނުން ހިމެނެއެވެ.

ނުރަވުމަށް ދިމާވަނީ ހަމައެކަނި އުމުރުން ދުވަސްވުމަކުން ނޫނެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްތައް މަދުވުމަކީވެސް މީގެ ސަބަބެކެވެ. ރަނގަޅު ކާނާ ބޭނުންކުރުމާއި، ސްޓްރެސް ކުޑަކުރުމަކީ އިސްތަށިގަނޑުގެ ރީތިކަމާއި ކުލަ ގިނަ ދުވަހު ދެމެހެއްޓުމަށް ސަމާލުކަން ދެވިދާނެ މުހިއްމު ކަންކަމެވެ.

comment ކޮމެންޓް