ކީމޯތެރަޕީއަށްފަހު ސަޕްލިމެންޓް ނަގަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު މުހިއްމުވަނީ ކީއްވެ؟

ކީމޯތެރަޕީ އަށްފަހު އިސްތަށިގަނޑު އަލުން ފެޅުން ލަސްވުމަކީ ވަރަށް ގިނަ މީހުންގެ ކަންބޮޑުވުމެއް--ފޮޓޯ/އެމްއެސްއެން

ކީމޯތެރަޕީ އަށްފަހު އިސްތަށިގަނޑު އަލުން ފަޅަމުންދާ މަންޒަރު ބަލަން ހުރުމަކީ ވަރަށް ދިގު އިންތިޒާރަކަށް ވެދާނެއެވެ. އެހެންކަމުން، މިކަން އަވަސްކޮށްދޭނެ ކޮންމެ ކަމަކަށް ވެސް ސަމާލުކަން ދެވުމަކީ ބަލިމީހުންގެ އާދައެކެވެ.

މިގޮތުން ގިނަ ބަޔަކު އެންމެ ފުރަތަމަ ވެސް ބޭނުންކުރަން ފަށަނީ ވިޓަމިންތަކެވެ. އިންޑިއާގެ މަނިޕާލް ހޮސްޕިޓަލްގެ މެޑިކަލް އޮންކޮލޮޖީ ކޮންސަލްޓަންޓް ޑރ. ސަޗިން ސޭކަރް ބިސްވާލް ވިދާޅުވާ ގޮތުގައި، މިފަދަ ސަޕްލިމެންޓްތަކުން ފައިދާކުރަނީ ހަށިގަނޑުގައި ހަގީގަތުގައި ވެސް އެ ވިޓަމިންއެއް މަދުވެފައިވާނަމަ އެކަންޏެވެ. އިސްތަށި ފަޅަން ފަށާއިރު ސަޕްލިމެންޓް ބޭނުންކުރުމުގެ ކުރިން ބަލިމީހުން ސަމާލުވާންޖެހޭ ކަންތައްތަކެއް އޭނާ ހިއްސާކުރައްވައެވެ.

"ބަޔޮޓިން ނުވަތަ ދަގަނޑުގެ ބައި (އަޔަން) ފަދަ މާއްދާތަކުން ބޮލުގައި އިސްތަށި ފަޅަން އެހީތެރިވެދެނީ އެ މީހެއްގެ ހަށިގަނޑުގައި އެ މާއްދާތައް އުނިވެފައިވާނަމަ އެކަނި. ނަމަވެސް، ކާނާގެ ޒަރީއާއިން އެކަށީގެންވާ މިންވަރަށް އެ މާއްދާތައް ލިބޭ މީހަކު، އިތުރަށް ސަޕްލިމެންޓް ނެގުމަކުން އާދައިގެ ދުވެއްޔަށްވުރެ ބާރަށް އިސްތަށްޓެއް ނުފަޅާނެ،" އޭނާ ވިދާޅުވިއެވެ.

ގިނަ އަދަދަކަށް ސަޕްލިމެންޓް ބޭނުންކުރުމުން ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ބައެއް ސިއްހީ މާހިރުން ދެއްވާ--ފޮޓޯ/އެމްއެސްއެން

އޭނާގެ ނަސޭހަތަކީ ސަޕްލިމެންޓް ނަގަން ފެށުމުގެ ކުރިން ލޭގެ ޓެސްޓެއް ހަދައި، ހަށިގަނޑުގައި އުނިވެފައިވަނީ ކޮން މާއްދާއެއްތޯ ބެލުމެވެ. ހަމައެކަނި ފައިދާކުރާނެ ކަމަށް ހީކޮށް ބޭސް ބޭނުންކުރުމަށް ވުރެ، ސައިންޓިފިކްކޮށް އެކަން ކަށަވަރުކުރުން މާ މުހިންމު ކަމަށް ޑރ. ބިސްވާލް ވިދާޅުވެއެވެ.

މިދިޔަ އަހަރު 'ނިއުޓްރިއަންޓްސް' މަޖައްލާގައި ޝާއިއުކުރި ދިރާސާއެއްގައި، އުރަމަތީގެ ކެންސަރު ހުންނަ ބަލިމީހުން ބޭނުންކުރާ ސަޕްލިމެންޓްތައް ހަތަރު ބަޔަކަށް ބަހާލާފައިވެއެވެ. އެއީ، ރައްކާތެރި ތަކެތި، ސަމާލުވާންޖެހޭ ތަކެތި، އޭގެ ރައްކާތެރިކަމާ މެދު ބަހުސް އުފެދިފައިވާ ތަކެތި، އަދި ބޭނުންކުރުން މަނާ ތަކެއްޗެވެ.

މީގެ ތެރެއިން ވިޓަމިން 'ޑީ' އަދި 'ބީ6' އަކީ ކީމޯގެ ތެރޭގައި ބޭނުންކުރުން ރައްކާތެރި މާއްދާތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި ވިޓަމިން 'ބީ6' އަކީ ކީމޯގެ ސަބަބުން އިސްތަށި ފޭބުމުން ރައްކާތެރިކޮށްދިނުމަށް އެހީވެދޭނެ އެއްޗެއް ކަމަށް ބެލެވެއެވެ.

ބަޔޮޓިން ހިމެނެނީ ސަމާލުވާންޖެހޭ ބައިގައެވެ. ބަޔޮޓިންއަކީ އޭގެ ޒާތުގައި ވިހަ އެއްޗަކަށް ނުވިނަމަވެސް، ކެންސަރުގެ މާކަރުތައް ބެލުމަށް ހަދާ ލޭގެ ޓެސްޓުތަކުގެ ނަތީޖާއަށް އޭގެ ސަބަބުން ބަދަލު އައުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ލޭގެ ޓެސްޓު ހެދުމުގެ އެއް ހަފުތާ ކުރިން ބަޔޮޓިން ބޭނުންކުރުން ހުއްޓާލުމަށް ގިނަ ޑޮކްޓަރުން ލަފާދެއްވައެވެ.

ފޯލޭޓް، އަޔަން އަދި ވިޓަމިން 'ބީ12' ހިމެނެނީ، އެއާ ބެހޭ ގޮތުން ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ބައިގައެވެ. ސަބަބަކީ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކީމޯގެ ތެރޭގައި މި ތަކެތި ބޭނުންކުރުމުން ބަލީގެ ފަރުވާއަށް ނޭދެވޭ އަސަރުތަކެއް ކުރުމެވެ.

ބަޔޮޓިންއަކީ ކެންސަރު ފަރުވާއަށްފަހު އިސްތަށި ފަޅަން އެހީއަކަށްވީ ނަމަވެސް އެ ބޭނުންކުރަންވާނީ ހަށިގަނޑުގައި އެ މާއްދާ މަދުނަމަ އެކަނި ކަމަށް ޑރ. ބިސްވާލް ތަކުރާރުކޮށް ވިދާޅުވެއެވެ. އިންޓަނެޓްގައި ބައެއް ބަލިމީހުން ބަޔޮޓިންގެ ސަބަބުން ވަރަށް ބާރަށް އިސްތަށި ފަޅާކަމަށް ބުނާއިރު، އަނެއް ބަޔަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މީގެ މާނައަކީ ސަޕްލިމެންޓުން ފައިދާކުރަނީ ހަށިގަނޑުގައި މަދުވާ މާއްދާއެއް ފުރިހަމަކޮށްދޭން ބޭނުންކުރުމުން ކަމެވެ.

ހަމައެކަނި އެންމެ ވިޓަމިނަކަށް ބަރޯސާވުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހިމެނޭ ކާނާއަށް ސަމާލުކަން ދިނުމުން އިސްތަށިގަނޑު ފަޅަން ފަސޭހަވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންސްޓަގްރާމާ

އޮހަޔޯ ސްޓޭޓް ހެލްތު އެންޑް ޑިސްކަވަރީން ހާމަކުރާގޮތުގައި، ކެންސަރު ބަލިމީހުންގެ އިސްތަށި ފަޅަން ބަޔޮޓިން އެހީވާކަމުގެ ސައިންޓިފިކް ހެކި ވަރަށް މަދެވެ. ބިސް، މަސް އަދި އެއްގަމު މަސް ފަދަ އާދައިގެ ކާނާއިން ބަޔޮޓިން ލިބޭތީ، މީހުންގެ ހަށިގަނޑުން މި މާއްދާ މަދުވުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ.

ޑރ. ބްރިޓަނީ ޑުލްމޭޖް ލަފާދެއްވަނީ މިފަދަ ހާލަތްތަކުގައި 'މިނޮކްސިޑިލް' ބޭނުންކުރުމަށެވެ. ސަބަބަކީ އެއީ އިސްތަށި ފޭބުމަށް ފަރުވާ ދިނުމަށް އެފްޑީއޭއިން ހުއްދަދީފައިވާ، އަދި އޭގެ ނަތީޖާ ސާބިތުވެފައިވާ ބޭހަކަށް ވާތީއެވެ.

ވިޓަމިންއަކީ ހަމައެކަނި ފަރުވާގެ އެއްބައެވެ. އެހެންކަމުން ހަމައެކަނި އެންމެ ވިޓަމިނަކަށް ބަރޯސާވުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހިމެނޭ ކާނާއަށް ސަމާލުކަން ދިނުމުން އިސްތަށި ފަޅަން ފަސޭހަވެއެވެ.

ކާނާގެ އިތުރުން، އިސްތަށިގަނޑަށް ބޭނުންކުރާ ތެޔޮ ނުވަތަ ޝޭމްޕޫ ފަދަ ތަކެއްޗަށްވެސް ބައެއް މީހުން ސަމާލުކަން ދެއެވެ. ޑރ. ބިސްވާލް ވިދާޅުވި ގޮތުގައި ނިދުމުގެ ކުރިން ބޮލުގެ ހަންގަނޑުގައި 'ކާސްޓަރ އޮއިލް' ނުވަތަ ރަނގަޅު މާއްދާތައް ކަމަށްވާ (އެވޮކާޑޯ، ރޯސްމޭރީ އޮއިލް) ހިމެނޭ ޝޭމްޕޫ ބޭނުންކުރުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. މީގެ ސައިންޓިފިކް ނަތީޖާ ކަށަވަރު ނުވިނަމަވެސް، މިއީ އިސްތަށިގަނޑު ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ.

ގިނަ އަދަދަކަށް ސަޕްލިމެންޓް ބޭނުންކުރުމުން ދިމާވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ޑރ. ބިސްވާލް ވިދާޅުވީ، ބަޔޮޓިން ފަދަ މާއްދާތައް ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ބޭނުންކުރުމުން ބައެއް ފަހަރު މޫނުގައި އޮށާޅަ ނެގުން ފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.

ކީމޯތެރަޕީއަށްފަހު އިސްތަށިގަނޑު ފަޅަން ވިޓަމިންތަކުން ހަގީގީ އެހީތެރިކަމެއް ލިބޭނެ ކަމަށް ހީކުރެވުނު ނަމަވެސް ހަމައެކަނި ހީއަކަށް ބަރޯސާނުވެ، ލޭގެ ޓެސްޓެއް ހަދައި، ރަނގަޅު ކާނާ ބޭނުންކުރުމަކީ އެންމެ އިތުބާރު ހުރި ގޮތް ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި އެންމެ މުހިންމު ކަމަކީ އިސްތަށިގަނޑު ފަޅަން ވަގުތު ބޭނުންވާނެކަން ގަބޫލުކޮށް، ކެތްތެރިވުމެވެ. ކިތަންމެ ވަގުތު ނެގިކަމުގައިވިޔަސް، ގިނަ ބަލިމީހުންގެ އިސްތަށިގަނޑު އަލުން ފަޅައެވެ.

comment ކޮމެންޓް