އޮސްކާ ކާމިޔާބުކޮށްފައިވާ މަޝްހޫރު އެކްޓަރު ރަސަލް ކްރޯގެ އާ ފިލްމު "ބްލޫފްލައި"ގެ ރޯލަކަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ސޮއިކޮށްފިއެވެ.
ޑޭވިޑް ފްރިޖެރިއޯ، ވިލިއަމް ޔޫބޭންކް އަދި ކާލީލް ޔޫބޭންކްގެ ސްކްރިޕްޓަކަށް ނިމްރޯޑް އެންޓަލް ޑައިރެކްޓްކުރާ މި ފިލްމަކީ ސައިންސް ފިކްޝަން އެކްޝަން ތްރިލާއެކެވެ.
އޮސްކާ ކާމިޔާބުކޮށްފައިވާ މަޝްހޫރު އެކްޓަރު ރަސަލް ކްރޯ ލީޑް ރޯލްއިން ފެންނާނެ މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ކޮންގޯގެ ފުން ޖަންގަލިތަކުގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ.
ފިލްމުގެ ހުލާސާގައިވާ ގޮތުން، ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާންޖެހިފައިވާ އދ.ގެ ތަރުޖަމާނަކު، ވެއްޓިފައިވާ ސިއްރު މަތިންދާބޯޓެއް ހޯދުމަށް ހިންގާ ޚާއްސަ މިޝަނެއްގައި ބައިވެރިވާން ޖެހެއެވެ.
ސިފައިންގެ ހާއްސަ ޓީމަކާ އެކު ނުރައްކާތެރި ސަރަޙައްދުތަކެއް ހުރަސްކޮށް ކުރިއަށްދާ މި ދަތުރުގައި، އެ މީހުން ހޯދަން އުޅޭ އުޅަނދާ ގާތްވި ވަރަކަށް، އެ އުޅަނދަކީ ދުވަހަކު ވެސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫންކަން އެމީހުންނަށް ސާފުވަމުން ދެއެވެ.

ފިލްމު "ބްލޫފްލައި"އަށް ސޮއިކުރިކަން ކަށަވަރުކޮށްދެމުން ޕްރިޔަންކާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯއެއް -- ފޮޓޯ/ އިންސްޓަގްރާމް
"ބްލޫފްލައި" ޕްރޮޑިއުސް ކުރަނީ މައިކަލް ޖެފަސަން، ޑޭވިޑް ފްރިޖެރިއޯ، ޑެބޯރާ ގްލޯވާ އަދި ހައިލޭންޑް ފިލްމް ގްރޫޕްގެ ފަރާތުން އޭރިއަން ފްރޭޒަ އާއި ޑެލްފިން ޕެރިއަގެ އިތުރުން ވެނެސާ ޔާއޯ ގުއޯއެވެ.
ހައިލޭންޑް ފިލްމް ގްރޫޕުން މި ފިލްމުގެ ބައިނަލްއަޤްވާމީ ރައިޓްސްތައް ބަލަހައްޓާއިރު، ކުރިއަށް އޮތް ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ފިލްމުގެ ވިޔަފާރި މުއާމަލާތްތައް ފަށާނެއެވެ. ފިލްމުގެ މައިގަނޑު މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
ހައިލޭންޑް ފިލްމް ގްރޫޕްގެ ސީއީއޯ އޭރިއަން ފްރޭޒަ ބުނެފައިވާ ގޮތުގައި، ރަސަލް ކްރޯ އާއި ޕްރިޔަންކާ ފަދަ މޮޅު ފަންނާނުންތަކެއް ހިމެނޭ މި ފިލްމަކީ ބެލުންތެރިން ޝައުގުވެރިވާނެ، ފުން މާނަތަކެއް އެކުލެވޭ ސައިންސް ފިކްޝަން ފިލްމެކެވެ.
ޑައިރެކްޓަރު އެންޓަލް ބުނި ގޮތުގައި، މި ފިލްމަކީ އޭނާ ވަރަށް ކުރަން ބޭނުންވެފައި ހުރި ކަހަލަ މަސައްކަތެކެވެ. މިއީ ސައިންސް ފިކްޝަންގެ ތެރެއިން އިންސާނީ އިހުސާސްތަކާއި ބިރުވެރިކަން ދައްކުވައިދޭނެ ވަރުގަދަ ތްރިލާއެއް ކަމަށާއި، މި މަސައްކަތަށް މިއަށްވުރެ ރަނގަޅު ޓީމެއް ނުލިބޭނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
"ގްލެޑިއޭޓާ"އިން އޮސްކާ ހޯދި ރަސަލް ކްރޯ އެންމެ ފަހުން ފެނިފައިވަނީ "ނިއުރެމްބާގް"އިންނެވެ. އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ނެޓްފްލިކްސްގެ "ޔުނަބޮމްބާ"، "ދަ ވެއިޓް"، "ބިލިއަން ޑޮލަ ސްޕައި" އަދި އެމެޒޯންގެ "ހައިލޭންޑަ" ހިމެނެއެވެ.
ޕްރިޔަންކާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ޕްރައިމް ވީޑިއޯގެ "ދަ ބްލަފް" އާއި "ހެޑްސް އޮފް ސްޓޭޓް"އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރުގެ އެޕްރީލް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެސްއެސް ރާޖަމޯލީގެ "ވާރަނާސީ" އާއި އޮލަންޑޯ ބްލޫމްއާ އެކު ފެނިގެންދާ ތުރިލާ ފިލްމު "ރީސެޓް" ހިމެނެއެވެ.