ޓައިޕް 2 ހަކުރުބަލި: ހަށިގަނޑަށް ގެއްލުންވާން ފަށަނީ ހަކުރުގެ މިންވަރު ކިހާވަރަކަށް ދިއުމުން؟

\ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތީގައި ހުރުމުގެ ސަބަބުން، ބަލީގެ އަލާމާތްތައް ފެނުމުގެ މާ ކުރިންވެސް ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންވާން ފަށާ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އެމްއެސްއެން

ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ހުންނަންޖެހޭ މިންގަނޑުގައި ހިފެހެއްޓުމަށް ދަތިތަކަކާ ކުރިމަތިވެއެވެ.

މިގޮތުން ގިނަ ދުވަސްތަކެއް ވަންދެން ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތީގައި ހުރުމުގެ ސަބަބުން، ބަލީގެ އަލާމާތްތައް ފެނުމުގެ މާ ކުރިންވެސް ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންވާން ފަށައެވެ.

މުމްބާއީގެ ވޮކްހާޓް ހޮސްޕިޓަލުގެ އެންޑަކްރިނޮލޮޖިސްޓް އަދި ހަކުރުބަލީގެ ޚާއްސަ ޑޮކްޓަރު، ޑރ. ޕްރަނަވް ގޯޑީ ވިދާޅުވި ގޮތުގައި، ލޭގައި ހަކުރު ހުންނަ މިންވަރު އާންމު މިންގަނޑަށް ވުރެ މަތީގައި ދެމިހުންނަ ނަމަ ހަށިގަނޑަށް ގެއްލުންވާން ފަށައެވެ. މިގޮތުން ހެނދުނު ހުސްބަނޑާ ހުންނައިރު ހަކުރުގެ މިންވަރު 100 mg/dL އަށްވުރެ މަތީގައި ހުރުމާއި، ކެއުމަށްފަހު (ދެ ގަޑިއިރު ފަހުން) 140 mg/dL އަށްވުރެ މަތީގައި ހުރުމަކީ ބަލީގެ ނުރައްކަލުގެ ރަތް ސިގްނަލެކެވެ.

"ނަމަވެސް، ހަށިގަނޑުގެ ގުނަވަންތަކަށާއި ނާރުތަކަށް ބޮޑެތި ގެއްލުންތައް ލިބެން ފަށަނީ ހުސްބަނޑާ ހުންނައިރު ހަކުރު 126 mg/dL އަށްވުރެ މަތީގައި ހުރުމުން ނުވަތަ HbA1c (ތިން މަހުގެ އެވްރެޖް) 6.5 އިންސައްތައަށް ވުރެ މަތިވުމުން. މިއީ ހަކުރުބަލި ހުރިކަމަށް ރަސްމީކޮށް ކަނޑައަޅާ މިންގަނޑު" ޑރ. ގޯޑީ އިތުރަށް ބަޔާންކުރެއްވިއެވެ.

ހަކުރު ބަލީގެ ސަބަބުން ދިމާވާ ސިއްހީ ގެއްލުންތަކަކީ މާބޮޑު އަލާމާތެއް ނުފެނި އަހަރުތަކަކަށް ދެމިގެންދާ ކަންކަމަށްވާތީ، ގަވާއިދުން ހަކުރު ޗެކްކުރުމަކީ މުހިއްމު ކަމެއް--ފޮޓޯ/އެމްއެސްއެން

ލޭގައި ހަކުރު މަތިވުމުގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް މަޑުމަޑުން އަސަރުކުރެއެވެ. ޑރ. ގޯޑީ ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބުން ހަށިގަނޑުގެ ހިމަ ލޭހޮޅިތަކަށް ގެއްލުންވެ، ލޮލުގެ ފެނުމަށް ބަދަލުއައުމާއި، ކިޑްނީގެ މައްސަލަތައް ކުރިމަތިވުމާއި، ނާރުތަކަށް ގެއްލުންވުން ފަދަ ކަންކަން މެދުވެރިވެއެވެ.

މީގެއިތުރުން، ބޮޑެތި ލޭހޮޅިތަކަށް ގެއްލުންވުމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ. މިފަދަ ގެއްލުންތަކަކީ އެއްވެސް އަލާމާތެއް ނުފެނި އަހަރުތަކަކަށް ދެމިގެންދާ ކަންކަމަށްވާތީ، ބަލިމީހާއަށް އަމިއްލައަށް ރަނގަޅަށް ހުރިހެން ހީވި ނަމަވެސް ގަވާއިދުން ހަކުރު ޗެކްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ގިނައިން ކެވޭ ދުވަސްދުވަހު ނުވަތަ ނަފްސާނީ ގޮތުން ބޮޑު ކަމަކާ ކުރިމަތިވާ ވަގުތުތަކުގައި ކުއްލިއަކަށް ހަކުރު މަތިވުމަކީ އާންމުކޮށް ދާއިމީ ގެއްލުމެއް ލިބޭ ކަމެއް ނޫނެވެ.

"ނުރައްކާތެރި ވަނީ ހަކުރުގެ މިންވަރު މަތީގައި ގިނަދުވަސްތަކެއް ވަންދެން ދެމިހުރުމުން. ގަވާއިދުން ހަކުރު ބަލައި، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސް، އެކަށީގެންވާ ފަރުވާ ހޯދުމަކީ ދުރު މުސްތަގުބަލުގައި ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް އޮތް ހައްލެއް" ޑރ. ގޯޑީ ވިދާޅުވިއެވެ.

ލޭގައި ހަކުރު ހުންނަންޖެހޭ މިންގަނޑުގައި ހިފެހެއްޓުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އަދި ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.

މީގެ އިތުރުން، ކޮންމެ ތިން މަހަކުން ނުވަތަ ހަ މަހަކުން HbA1c ޓެސްޓު ހަދައިގެން ހަކުރު ހުރި މިންވަރު ބެލުން މުހިއްމެވެ. އަލަށް ބަލި ފެންނަ މީހުން ނުވަތަ ބަލިޖެހުމުގެ ނުރައްކާ އޮތް މީހުން ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުން، ގުނަވަންތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ނުވަތަ އެކަން ލަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް