ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު މޫސުމުގެ ލަފާކުރުންތަކުގައި ބުނެފައިވާ ގޮތުން، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް އުތުރާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. މެދުތެރޭގެ އަތޮޅުތަކަށް ވެސް ބައެއް ވަގުތުތަކުގައި ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުންނެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. އަތޮޅަށެވެ. މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދޫއަށެވެ. އެ ރަށަށް 20.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ގދ. ތިނަދޫއަށް 16.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފުވައްމުލަކަށް 10.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ޅ. އޮޅުވެލިފުއްޓަށް 9.7 މިލިމީޓަރު، ގއ. ކޫއްޑޫއަށް 7.5 މިލިމީޓަރު އަދި އދ. މާމިގިއްޔަށް 6.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެހެން ރަށްތަކަށް ބަލާއިރު، މ. މުއްޔަށް 3.5 މިލިމީޓަރު، އައްޑޫ ސިޓީ ހިތަދޫއަށް 3.3 މިލިމީޓަރު އަދި ށ. ފުނަދޫއަށް 2.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ބ. ގޮއިދޫ، ކ. ދިއްފުށި އަދި ގދ. ފަރެސްމާތޮޑާއަށް 2.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަށް ވެހިފައިވަނީ 2.2 މިލިމީޓަރުގެ ވާރޭއެވެ. އެންމެ މަދުން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވާ ނ. މާފަރާއި ބ. ދަރަވަންދޫއަށް ވެހިފައިވަނީ 1.0 މިލިމީޓަރުގެ ވާރޭއެވެ.