ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2026" ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
އެމްއައިބީން ސޯޝަލް މީޑިއާގައި އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، އެކްސްޕޯގެ ތެރެއިން ކުރިއަށްދާ ޚާއްޞަ "އެމްއައިބީ ލިވިންގް އެކްސްޕޯ ކުއިޒް" އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.
އެ ކުއިޒުގައި ބައިވެރިވުމަށްޓަކައި އެމްއައިބީ ސްޓޯލްގައި ބަހައްޓާފައިވާ ކިއުއާރް ކޯޑު ސްކޭންކުރުމަށްފަހު އޮންލައިން ފޯމު ފުރިހަމަކުރަންޖެހޭނެއެވެ.
ކުއިޒް ފުރިހަމަކޮށް، ކެމްޕޭނުގެ ޝަރުތުތައް ހަމަވާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ލިބޭނެއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯއަށް ޒިޔާރަތްކޮށް، ބޭންކުގެ އެންމެ ފަހުގެ ޚިދުމަތްތައް ބަލާލުމާއެކު ކުއިޒުގައި ބައިވެރިވެ، މި ބޮޑު އިނާމު ހޯދުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީން ވަނީ އެންމެންނަށް ވެސް ދައުވަތު ދީފައެވެ.