ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ސަލްމާންގެ ބަރުދަނުން 16 ކިލޯ ލުއިކޮށްލާފައިވާކަން ހާމަކޮށްފި

އިންޑިއާގެ އެކްޓަރު ސަލްމާން ޚާން -- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންގެ ސިއްހަތާ މެދު ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އެކްޓަރުގެ ބަރުދަނުން 16 ކިލޯ ލުއިކޮށްލާފައިވާކަން ހާމަކޮށްފިއެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ސަލްމާން ބަލިކޮށް ހުރިހެން ހީވުމުން ގިނަ ބަޔަކު އައީ އެކްޓަރުގެ ސިއްހަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ބޮލީވުޑްގެ ތަރި ސަލްމާން މިވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް، ބަރުދަން ލުއިކޮށްލާފައިވާކަން ހާމަކޮށްފައެވެ.

ކުނާލް ކޭމޫ ހުށަހަޅައިދޭ ރިއަލިޓީ ޝޯ "އެލަޔަންސް"ގެ އެންމެ ފަހުގެ އެޕިސޯޑުގައި ސަލްމާންގެ ކޮއްކޮ ސުހައިލް ޚާނަށް ސަޕޯޓު ދިނުމުގެ ގޮތުން ބައިވެރިވެ، ސަލްމާން ބުނީ އަމިއްލަ ބަރުދަނުން 16 ކިލޯ ލުއިވެފައިވާ ކަމަށެވެ.

ސަލްމާން މި ޝޯއަށް މި ދިޔައީ، އޭނާގެ ކުރީގެ ފަހަރި ސީމާ ސަޖްދޭ އެ ޝޯއިން ވަކިވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ސީމާ މި ޝޯގައި ބައިވެރިވީ އޭނާގެ ކުރީގެ ފިރިމީހާ ސުހައިލްއާ އެކު ވައިލްޑްކާާޑް އެންޓްރީއެއްގެ ގޮތުގައެވެ.

ސަލްމާން ކޮއްކޮ ސޮހައިލްއާ އެކު ރިއަލިޓީ ޝޯ "އެލަޔަންސް"ގައި -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ސަލްމާން އާއި ސުހައިލް އެމީހުންގެ ބަރުދަން ލުއިކުރުމުގެ ދަތުރާ ބެހޭގޮތުން ވާހަކަދައްކާ މަންޒަރެވެ. ސުހައިލް 12 ކިލޯ ލުއިކޮށްލި ކަމަށް ބުނެ އޭނާގެ "އެބްސް" ދައްކާލިއިރު، ސަލްމާން ވަނީ އޭނާ 16 ކިލޯ ލުއިކޮށްލާފައިވާ ކަމަށް ބުނެފައެވެ.

މިކަން ހާމަކޮށްފައި މިވަނީ، ދާދިފަހުން ސަލްމާން އާންމުންގެ ތެރެއަށް ނުކުމެ އުޅެނިކޮށް ފެންނަ ވީޑިއޯއެއް އާންމުވެ، އޭނާގެ ސިއްހަތާ މެދު ސަޕޯޓަރުން ސުވާލު އުފައްދަމުން ދަނިކޮށެވެ. ބައެއް މީހުން އޭނާ ހުރީ ބަލިކޮށް ކަމަށް ބުނިއިރު، އަނެއް ބަޔަކު ވަނީ އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޭކު ވީޑިއޯއެއްތޯ ސުވާލު އުފައްދާފައެވެ.

މި އަޑުތަކާ ގުޅިގެން ސަލްމާން ވަނީ އޭނާގެ އިންސްޓަގްރާމްގައި ކަޅާއި ހުދުގެ ފޮޓޯތަކެއް ހިއްސާކޮށް، އެންމެންގެވެސް ހާލު ރަނގަޅު ކަމަށް ބުނެ ޕޯސްޓެއްކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ސަލްމާންގެ ސިއްހަތާ މެދު ދެކެވޭ ވާހަކަތަކަށް ދިން ރައްދެކެވެ.

ރިޕޯޓުތައް ބުނާގޮތުން ސަލްމާންގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ބަރުދަން ލުއިކޮށްފައި ވަނީ، ސައުތު ސިނަމާގެ ބަތަލާ ނަޔަންތާރާއާ އެކު އެކްޓަރު ސޮއިކޮށްފައިވާ އާ ފިލްމުގައި ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުންނެވެ. ސައުތު ޑައިރެކްޓަރު ވަމްޝީ އުފައްދާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާ ފިލްމެކެވެ.

ސަލްމާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"އިންނެވެ. އަޕޫރްވާ ލަކިއާ ޑައިރެކްޓްކޮށް، ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް