ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން ހުށަހަޅައިދޭ، އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 20 ވަނަ ސީޒަން ރޭ ފެށިފައިވާއިރު އެ ޝޯއިން މިފަހަރު 17 ބައިވެރިން ބެލުންތެރިންނަށް ފެންނާނެއެވެ.
މި ސީޒަން ފާހަގަކޮށްލެވެނީ ބެލުންތެރިންނަށް ތަފާތު އަދި ފޯރިގަދަ ބަދަލުތަކަކާ އެކު ގެނެސްދޭ ސީޒަނެއްގެ ގޮތުގައެވެ.
އެގޮތުން ބައިވެރިންނަށް ސަލާމަތްވުމުގެ އިތުރު ފުރުސަތެއް ފަހިކޮށްދީފައިވާއިރު އެ ޝޯގެ ބައިވެރިން ތިބޭ ގޭގައި ގާއިމުކޮށްފައިވާ ހާއްސަ "2X" ކޮޓަރިއަކީ މި ފުރުސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެކެވެ.
މީގެއިތުރުން، 'ފޭންސް ކާ ފައިސަލާ' (ސަޕޯޓަރުންގެ ނިންމުން) މެދުވެރިކޮށްވެސް ބައިވެރިއަކަށް ފުރުސަތު ލިބޭނެއެވެ.

'ބިގް ބޮސް 20'އިން ފެންނާނެ ފަންނާނުންތައް--ފޮޓޯ/ފޭސްބުކް
މިފަހަރުގެ ސީޒަނުން ފެންނާނެ ތަރިންގެތެރޭ، ޓީވީ ޑްރާމާ 'ގުއްޑަން ތުމްސޭ ނާ ހޯ ޕާއޭގާ' އިން ބޮޑު މަގުބޫލުކަމެއް ހޯދި ކަނީކާ މާން އަދި ބޯޖްޕޫރީ ސިނަމާގެ އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަމްރަޕާލީ ހިމެނެއެވެ.
އިތުރު ބައިވެރިންގެތެރޭ، ރޯޑީސް' އަދި 'ސްޕްލިޓްސްވިލާ 20' ފަދަ ޒުވާނުންގެ މެދުގައި މަގުބޫލު ރިއަލިޓީ ޝޯތައް ކާމިޔާބުކޮށްފައިވާ ކުޝާލް، 'ޕާތާލް ލޮކް' އަދި 'ޕަންޗާޔަތު' ފަދަ މަޝްހޫރު ވެބް ސީރީޒްތަކުން ފާހަގަކޮށްލެވުނު މޮޅު އެކްޓަރު އާސިފް ޚާން، އިންސްޓަގްރާމްގައި 29.1 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި މަޝްހޫރު ބިއުޓީ އަދި ފެޝަން އިންފްލުއެންސަ އަރިޝްފާ، ޓެލެވިޒަން ބަތަލާ މަހީ ވިޖް، ޕަންޖާބީ ބަތަލާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބާދްޝާގެ ކުރީގެ އަނބިމީހާ އިޝާ ރިކީ، ޕަންޖާބީ ބަތަލާ ލަވްޕްރީތު އަދި 'ނީޓް' ދަރިވަރުންގެ މުޒާހަރާގެ ތެރެއިން އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދި މޮޑެލް އަދި ބަތަލާ ރިއާ އަހީރް ހިމެނެއެވެ.
ގިނަ ބަޔަކު ވަރަށް ފޯރިއާ އެކު ބަލަމުން އަންނަ 'ބިގް ބޮސް' އަކީ 2006 ވަނަ އަހަރުން ފެށިގެން ކަލަސްއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯއެކެވެ. މިދިޔަ އަހަރު ގެނެސްދިން 'ބިގް ބޮސް 19' ކާމިޔާބުކުރީ ޓެލެވިޒަން ތަރި ގޯރަވް ކަންނާއެވެ.
ހޯމަ ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކަލާސް ޗެނަލުން މި ޝޯ ގެނެސްދޭއިރު، ރާއްޖެއަށް މި ޝޯ ދައްކާނީ ރޭގަނޑު 10:00ގައެވެ.