ކާބޯތަކެތި ގަންނަން އެހީވުމަށް، އެންސްޕާއިން މި އަހަރު އެންމެ ބޮޑު ޚަރަދެއް ކުރީ ޖޫން މަހު

މީހަކު ފިހާރައަކަށް ވަންނަނީ: ކާބޯތަކެތި ގަންނަން އެހީވުމަށް، އެންސްޕާއިން މި އަހަރު އެންމެ ބޮޑު ޚަރަދެއް ކުރީ ޖޫން މަހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް، ކާބޯތަކެތި ގަންނަން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މިދިޔަ ޖޫން މަހު ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުން މިއަދު ދައްކައިފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ކާބޯތަކެތި ގަންނަން މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އަދަދު ޖޫން މަހުު ހުރީ 659ގައެވެ. އޭގެ ތެރޭގައި އެ މަހު އަލަށް ރަޖިސްޓާކުރި އަށް ފަރާތެއް ހިމެނުނު ކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.

ތަފާސްހިސާބުގައިވާ ގޮތުން، އެ މީހުންނަށް ކާބޯތަކެތި ގަންނަން އެހީގެ ގޮތުގައި 26،360 ރުފިޔާ ދޫކޮށްފައިވެއެވެ.

މި އަހަރުގެ އެހެން މަސްތަކުގައި ކާބޯތަކެތި ގަންނަން މާލީ އެހީތެރިކަން ފޯރުކޮށްދިން މިންވަރަށް ބަލާއިރު، ޖަނަވަރީ މަހު ދޫކޮށްފައިވަނީ 25،840 ރުފިޔާއެވެ. އަދި ބާކީ ހަތަރު މަހުގައި، ކޮންމެ މަހަކަށް ދޫކޮށްފައިވަނީ 26،040 ރުފިޔާއެވެ. ޖަނަވަރީ މަހު އެހީ ފޯރުކޮށްދިނީ 700 ފަރާތަކަށް ކަމަށްވާއިރު، ޖެހިގެން އައި ހަތަރު މަހު 706 ފަރާތަކަށް އެހީ ފޯރުކޮށްދީފައިވެއެވެ.

އެހެންކަމުން، ޖޫން މަހު މާލީ އެހީތެރިކަން ފޯރުކޮށްދިން މިންވަރު އިތުރުވެފައިވަނީ، އެހީ ލިބޭ ފަރާތްތަކުގެ އަދަދު ދަށްވެފައި ވަނިކޮށެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެނީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމަކުންނެވެ. އެ އެހީ ފޯރުކޮށްދެނީ ކާބޯތަކެތީގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށް ގަތުމަށެވެ.

މީހަކު ފިހާރައެއްގައި: ކާބޯތަކެތި ގަންނަން އެހީވުމަށް، އެންސްޕާއިން މި އަހަރު އެންމެ ބޮޑު ޚަރަދެއް ކުރީ ޖޫން މަހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޕްރޮގްރާމްގެ ދަށުން މާލީ އެހީގެ ގޮތުގައި ދެނީ، ކޮންމެ މީހަކަށް މީލާދީ ކޮންމެ މަހަކު 40 ރުފިޔާ އަދި ގޭބިސީއަކަށް ގިނަވެގެން 240 ރުފިޔާއެވެ.

އެ އެހީ ދިނުމަށް ބަލާ ޝަރުތަކީ، ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އެންސްޕާއިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން މީލާދީ މަހެއްގެ މައްޗައް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ދިވެއްސެއް ކަމަށްވުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ ތެރޭގައި ކާބޯތަކެތި ހިމެނޭ ގޮތަށް، އަސާސީ ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހަކީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު މަހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު މި އަހަރުގެ ޖޫން މަހު ތަކެތީގެ އަގު 8.04 ޕަސެންޓް އުފުލުނުއިރު، މި އަހަރުގެ މެއި މަހާ އަޅައިބަލާއިރު، 2.17 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފާހަގަވެފައެވެ.

އީސީޕީއައިގައި ހިމެނޭ ތަފާތު ބާވަތްތަކުގެ ތެރެއިން، ކާނާގެ ބާވަތްތަކުގެ އަގު މިދިޔަ ޖޫން މަހު ވަނީ، މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 8.60 ޕަސެންޓް އިތުރުވެފައެވެ. އަދި ބުއިމުގެ ބާވަތްތަކުގެ އަގު ވަނީ 5.49 ޕަސެންޓް އުފުލިފައެވެ.

https://sun.mv/224595

އެ މަހު ކާބޯތަކެތީގެ ތެރެއިން އަގު އެންމެ ބޮޑަށް އުފުލުނީ ތަރުކާރީގެއެވެ. އެގޮތުން މަހުން މަހަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އަގު ވަނީ 20.86 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު އެއީ 22.44 ޕަސެންޓް އިތުރުވެފައެވެ.

ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން، ރާއްޖޭގައި ވެސް ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ.

comment ކޮމެންޓް