ފަރުވާ ހޯދަން ދަތިވެފައިވާ ކަމަށް ބުނެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ދޭ ގޮތް ކަމުނުދާތީ އެލައިޑާ ބައްދަލުކުރަނީ

މިއަދު އޮތް އާންމު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ދެން އޮންނަ ބައްދަލުވުމަކަށް އެލައިޑް ހާޒިރުކުރަން ވަނީ ނިންމައިފައި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖޭންނާއި ބޭރު ގައުމުތަކުން ފަރުވާ ހޯދަން ދަތިވެފައިވާ ކަމަށް ބުނެ، މެންބަރުންނަށް އިންޝުއަރެންސްގެ ޚިދުމަތްދޭ އެލައިޑް އިންޝުއަރެންސް ކުންފުނި ހާޒިރުކުރަން ނިންމައިފިއެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް ދޭ ގޮތް ކަމުނުދާތީ މަޖިލީހުން އެލައިޑާ ބައްދަލުކުރަން އުޅޭއިރު، މަޖިލިސް މެންބަރުންނަކީ އެންމެ ބޮޑު މުސާރައާއި އިނާޔަތް ލިބޭ ބޭފުޅުންނެވެ. އެހެންނަމަވެސް އެ މުސާރައާއި އިނާޔަތާ އެކަށީގެންވާ ވަރަށް ފަންނީ މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް އަބަދުވެސް ހުރެއެވެ.

މި ފަހުން ވެސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމާއި، ކޮމިޓީ ބައްދަލުވުންތައް ކެންސަލް ކުރާ މައްސަލައިގައި މަޖިލީހަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި، އަމާނާ ތަކަފުލުން އެލައިޑަށް ބަދަލުވި ފަހުން މެންބަރުންގެ އިންޝުއަރެންސް އެއްވެސް ރަނގަޅު ބަދަލެއް ފާހަގަނުވާ ކަމަށް ވިދާޅުވެ ކޮމިޓީގެ ސަމާލުކަމަށް އެކަން ގެންނެވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ)އެވެ.

އައިބީ ވިދާޅުވީ، ރާއްޖޭންނާއި ބޭރު ގައުމުތަކުން ފަރުވާ ހޯއްދަވާއިރު މެންބަރުން ބައެއް ފަހަރު ދަތިތަކާ ކުރިމަތިލައްވަން ޖެހޭ ކަމަށެވެ. އެހެންވެ އެ ކަމަށް އޮތް ހައްލަކީ ކޮބައިތޯ ބެލުމަށް އޭނާ އެދިވަޑައިގަތެވެ.

ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ދޭ ބަޔަކު އަބަދު ވެސް ކަނޑައަޅަނީ އޯޕަން ބިޑަކަށް ހުޅުވައިލައިގެން ކަމަށާއި ބިޑު ކާމިޔާބުކުރާ ބަޔަކަށް އަބަދު ވެސް ދެނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެގޮތަށް އަބަދު ވެސް ހުޅުވައިލުމުން މެންބަރުންނަށް އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށް ކުރިމަތިލަނީ އެލައިޑާއި އަމާނާ ތަކަފުލެވެ.

"ސަބަބަކަށް ވަނީ އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ކުޑަވަނީ ކަންނޭނގެ އަޅުގަނޑުމެންގެ އިންޝުއަރެންސް ޕެކޭޖު، ކުޑަވުމުގެ ސަބަބުން އެ ބޭފުޅުންނަށް އެ އަދަދަށް މަޖިލީހުން އަޅުގަނޑުމެންގެ މެންބަރުން އަދި މުވައްޒަފުންގެ މިހިރަ ކަންތައް، ދައްކަން ޖެހޭ އަދަދު ކުޑަވީމަ އަޅުގަނޑަށް ހީވަނީ އެ ބޭފުޅުންނަށް އެފޯޑު ނުކުރެވެނީ ކަންނޭނގެ،" އައިބީގެ ވާހަކައާ ގުޅިގެން ޝާހިދު ވިދާޅުވިއެވެ.

މެންބަރުންގެ އިންޝުއަރެންސްއޭ ބުނުމުން އާންމުންގެ މެދުގައި ގޯސް ތަސައްވުރެއް އޮންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެއީ މެންބަރެކޭ ބުނީމާ ހަމަ ބޭނުން ކޮންމެ ތަނަކުން ބޭނުން ވަރަކަށް އެއްވެސް ކަހަލަ ލިމިޓެއް ނެތި ބޭސްކުރެވޭނެ ކަމަށް އާންމު ގިނަ ރައްޔިތުންނަށް އެނގިފައި މި އިންނަނީ، އެހެންވީމާ އެ ވެސް ހަމަ ގޯސް ޚަބަރުތަކެއް މި ފެތުރިފައި މި އިންނަނީ، އަޅުގަނޑުމެންނަށް ވެސް އިނދޭ ހަމަ ލިމިޓެއް އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވިގޮތުގައި މެންބަރުންނަށް ވެސް ލިބެނީ ހަމަ އާސަންދައިން އެ ލިބޭ ޚިދުމަތްތަކެވެ.

އެއަށްފަހު ކޮމިޓީގެ މައިކުތައް ނިވާލައްވައި މެންބަރުން ވަނީ ކުޑަ ވަގުތުކޮޅަކަށް މަޝްވަރާ ކުރައްވައިފައެވެ.

ބައްދަލުވުން ނިންމަވައިލައްވަމުން ޝާހިދު ވިދާޅުވީ، މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސް ދެން އޮންނަ ބައްދަލުވުމަކަށް ހާޒިރުކޮށް އެ ތަނުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް