އިންޓަނެޓުގައި މާ ގިނަ ވަގުތު ހޭދަކުރުމުން ނުތަނަވަސްވަނީ ކީއްވެ؟

---

ވަޒީފާގެ މާހައުލުގައި ނުވަތަ ގޭތެރޭގައި އުޅޭއިރު، ކުއްލިއަކަށް ރުޅިގަދަވެ، ނުތަނަވަސްވާ ގޮތް މެދުވެރިވޭ ހެއްޔެވެ؟ މިއީ ގިނަ ބަޔަކަށް ދިމާވާ އާންމު ކަމެކެވެ.

"ޕްލޯސް ވަން" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މިކަމުގެ މައިގަނޑު އެއް ސަބަބަކީ އިންޓަނެޓުގައި މާ ގިނަ ވަގުތު ހޭދަކުރުމެވެ.

ޖަރުމަނުވިލާތުގެ ޔުނިވާސިޓީ އޮފް ޑުއިސްބާގް-އެސެން އިން 900 މީހުން ބައިވެރިކޮށްގެން ކުރި މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެންޑްރިއަސް އޮއެލްކާ ފާހަގަކުރި ގޮތުގައި، އިންޓަނެޓު ބޭނުންކުރުމަށް އުފެދޭ ވަގުތީ ޝައުގުވެރިކަމަކީ މީހާގެ މޫޑު ގޯސްކޮށްލާ ކަމެކެވެ. އަދި އިންޓަނެޓަށް ދެވިހިފުމުގެ ސަބަބުން ދިރިއުޅުމުގެ އެހެން މުހިންމު ކަންކަމަށް ފަރުވާކުޑަކުރެވެއެވެ.

ބަޔަކު ފޯނު ބޭނުން ކުރަނީ -- ފޮޓޯ/ އޭވީޕިކްސް/އަލާމާ

މީގެ އިތުރުން، އެމެރިކާގެ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ޕަރިން ކަމްދާރު ވިދާޅުވިގޮތުގައި، މިއީ ކެއުމުގެ އާދަތަކަށް އަންނަ ބަދަލުތަކާއި އެހެނިހެން ކަންކަމަށް ދެވިހިފުން ފަދަ ނަފްސާނީ މައްސަލަތަކާ އެއްގޮތް ކަމެކެވެ.

މި އާދައިން ދުރުވުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ކަމްދާރު ލަފާދެއްވާ ގޮތުގައި، ފޯނު ނުވަތަ ކޮމްޕިއުޓަރު ބޭނުންކުރަން ބޭނުންވާ ހިނދު، ވަގުތުން އެކަން ކުރުމުގެ ބަދަލުގައި ފަސް މިނެޓު މަޑުކޮށްލާށެވެ. މި ވަގުތުކޮޅުގެ ތެރޭގައި ކަސްރަތުކޮށްލުން ނުވަތަ ހިތްހަމަޖެހޭ ލަވައެއް އަޑުއަހާލުން ފަދަ ކަމެއް ކުރެވިދާނެއެވެ. އަދި ކޮންމެ ފަހަރަކުވެސް މިގޮތަށް މަޑުކުރާ ވަގުތު އިތުރުކުރަމުން ގެންދިއުމަކީ އެހީއަކަށް ވާނެއެވެ.

ސީއެންއެންގައި މި މައުޟޫއަށް ލިޔުނު ކާރާ އަލައިމޯ ފާހަގަކުރި ގޮތުގައި، އާއިލާއާއި ރައްޓެހިންނާއެކު ސްކްރީނާ ނުލައި ވަގުތު ހޭދަކުރުމަށް ރޭވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

މިސާލަކަށް، ހަފުތާބަންދުގައި އިންޓަނެޓު ކަނޑާލުމަށްފަހު އާއިލާއާއެކު ކުޅިވަރެއް ކުޅެލުން ފަދަ ކަންކަން ކުރެވިދާނެއެވެ. ސްކްރީނާ ދުރުގައި ހޭދަކުރާ ވަގުތުތަކަކީ ހަގީގީ އުފާވެރިކަން ގެނެސްދޭނެ ވަގުތުތަކެކެވެ. ބޭރަށް ނުކުމެ އުޅުމާއި، ގާތް މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަންކަމެވެ.

comment ކޮމެންޓް