އެންސްޕާއިން އެންމެ ބޮޑު ހޭދައެއް ކަށީގެ ބަލިތަކަށް

ޓްރީޓޮޕް ހޮސްޕިޓަލުގައި ދޭ ހިއަރިންގް އެއިޑް ފަރުވާ: — ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން, ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ހޯދާފައިވާ ފަރުވާތަކަށް ސަރުކާރުގެ ހިލޭ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކަށީގެ ބަލިތަކަށް ކޮށްފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހު އެކަނިވެސް އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދި މީހުންނަށް އަށް މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލު މެދުވެރިކޮށް ފަރުވާކުރުމަށް އެހީގެ ގޮތުގައި 4.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ހޮސްޕިޓަލުން ފަރުވާކުރުމަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން އެހީ ދޫކޮށްފައިވަނީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ކަށީގެ ބައްޔަށް ފަރުވާކުރުމަށް ދޫކޮށްފައިވެއެވެ.

މީގެ އިތުރުން، ޓްރީޓޮޕުން ފަރުވާ ހޯދި އެހެނިހެން ބަލީގެ 51 މީހަކަށް 627،666 ރުފިޔާ ދޫކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ އެހީ ދީފައިވަނީ ވިހެއުމުގެ ކަންކަމަށެވެ. ޖުމުލަ 40 މީހަކު ވިހެއުމަށް 605،552 ރުފިޔާގެ އެހީ ދޫކޮށްފައިވާ ކަމަށް އެންސްޕާއިން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުންވެސް ކަރުންމަތީގެ ބަލިތަކާއި މައިބަދައާއި ނާރުގެ ބަލިތަކާއި އަންހެނުންގެ ބަލިތައް އަދި ކުޑަކުދިންގެ ބަލިތަކާއި ގޭސްޓްރޯއިންޓެސްޓިނަލް ބައްޔަށް މީހުން ފަރުވާ ހޯދާފައިވާއިރު، އެކަމަށްވެސް ގިނަ އަދަދެއްގެ ފައިސާ އެންސްޕާއިން ވަނީ ދޫކޮށްފައެވެ.

ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާކުރުމަށް އޭޕްރީލް މަހު ވަނީ 3.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އޭޑީކޭ މެދުވެރިކޮށް ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ދޫކޮށްފައިވަނީ ކަރުންމަތީގެ ބަލިތަކަށެވެ.

އެގޮތުން 23 މީހަކަށް 608،381 ރުފިޔާ ދޫކޮށްފައިވެއެވެ. އެހެނިހެން ބަލީގެ 21 މީހަކަށް 585،731 ރުފިޔާ ދޫކޮށްފައިވާއިރު، ކަށީގެ ބަލީގެ 27 މީހަކަށް 552،961 ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، އޭޑީކޭއިން ކާޑިއޯވެސްކިއުލާގެ 16 ކޭސްއަކާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ 12 މީހަކާއި ވިހެއުމާ ގުޅޭ 31 ކޭސްއެއްގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އަންހެނުންގެ ބަލިތަކާއި މައިބަދަ ނުވަތަ ނާރުގެ ބަލިތަކާއި ގޭސްޓްރޯއިންޓެސްޓިނަލްއާއި ކުޑަކުދިންގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމު ނުވަތަ ކިޑްނީގެ ބަލިތަކާއި ކެންސަރު ބަލީގެ މީހުންނަށްވެސް އެހީގެ ފައިސާ ދޫކޮށްފައިވެއެވެ.

comment ކޮމެންޓް